އިޓާލިއަން ލީގުގައި މޮންޒާއާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާން ކާމިޔާބުކޮށްފިއެވެ.
މިލާންގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ އަދި ގިނަ ހަމަލާ އުފައްދާފައިވަނީ މޮންޒާއިންނެވެ. މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 16 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ މިލާނުންނެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ބްރަހިމް ޑިއާޒްއެވެ. އަދި މި މެޗްގައި މިލާންގެ ދެވަނަ ލަނޑު ޖަހާ އެޓީމްގެ ލީޑު ފުޅާކޮށްދިނިވެސް ޑިއާޒްއެވެ.
މެޗްގައި މިލާންގެ ތިންވަނަ ލަނޑު މެޗްގެ 65 ވަނަ މިނެޓްގައި ޖަހާދިނީ ޑިވޮކް އޮރީގީއެވެ. މިއީ އޭނާ މިލާނަށް ބަދަލުވުމަށްފަހު މިހާތަނަށް ލީގުގައި އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މިމެޗްގައި މޮންޒާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފިލީޕޯ ރަނޮޗިއާއެވެ. މިމެޗްގައި މިލާންގެ ފަހު ލަނޑު 84 ވަނަ މިނެޓްގައި ޖަހާދިނީ ރަފައެލް ލިއާއޮއެވެ.
މި ކާމިޔާބީއާއެކު މިލާނަށް މިހާރު ވަނީ ކުޅުނު 11 މެޗުން ލިބިފައިވާ 26 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ އުޅޭ ނާޕޮލީ އާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފައެވެ. ނަމަވެސް އެއީ އެއްމެޗް އިތުރަށް ކުޅެގެންނެވެ. އަދި މި ނާކާމިޔާބީއާއެކު މިލާންގެ ކުރީގެ ވެރިޔާ ސިލްވިއޯ ބެރްލުސްކޯނީގެ މޮންޒާ މިހާރު އުޅެނީ 10 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެެވެ.