ސްޕެނިޝް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލުންނެވެ. މެޗްގެ ލީޑު 5 ވަނަ މިނެޓްގައި ލޫކާ މޮޑްރިޗް ޖަހާދިން ލަނޑުން ނަގާފައިވަނީވެސް ރެއާލް އެވެ. މެޗްގެ ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެން ދިޔައެވެ.
މެޗްގައި ސެވިއްޔާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ އެރިކް ލަމޭލާއެވެ. މި މެޗްގައި ރެއާލުން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗްގެ 79 ވަނަ މިނެޓްގައި ލޫކަސް ވަޒްކުއޭޒް ޖަހާދިން ލަނޑުންނެވެ. އަދި އޭގެ ދެ މިނެޓުފަހުން ފެޑެރީކޯ ވަލްވަރޑޭ ވަނީ އެޓީމްގެ ލީޑު ފުޅާކޮށްދީފައެވެ.
މި ކާމިޔާބީއާއެކު ރެއާލް އިން މިހާރު ވަނީ ޕޮއިންޓް ތާވަލްގައި މިހާތަނަށް ކުޅުނު 11 މެޗުން 31 ޕޮއިންޓް ހޯދާ ދެވަނައިގައި އުޅޭ އެފްސީ ބާސެލޯނާގެ މައްޗަށް ހަ ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ނަމަވެސް އެއީ ބާސާއަށް ވުރެ އެއް މެޗް އިތުރަށް ކުޅެގެންނެވެ. އަދި މި މެޗުން ބަލިވުމާއެކު ސެވިއްޔާ އުޅެނީ 10 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.