2017 ވަނަ އަހަރުން ފެށިގެން މިއަހަރުގެ އޯގަސްޓްމަހުގެ ނިޔަލަށް ކާރިސާތަކުން އަރައިގަތުމަށް 24 މިލިޔަނަށްވުރެ ގިނަ ރުފިޔާ އެހީގެގޮތުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ފޯރުކޮށްދީފިއެވެ.
އެން.ޑީ.އެމް.އޭއިން ޕީ.އެސް.އެމް ނިއުސްއަށް ހިއްސާކުރި މަޢުލޫމާތަށް ބަލާއިރު އެންމެ ގިނައިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވަނީ 2019 ވަނަ އަހަރުގައެވެ.
2017 ވަނަ އަހަރުން ފެށިގެން މިއަހަރުގެ އޯގަސްޓްމަހުގެ ނިޔަލަށް އެން.ޑީ.އެމް.އޭއިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ އަލިފާނުގެ ހާދިސާއިން ލިބޭ ގެއްލުންތަކުން އަރައިގަތުމަށާއި، މޫސުމީގޮތުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށެވެ. މިގޮތުން ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާއި، އުދައެރުމާއި، ގުގުރާ ހޮނު އެޅުމުގެ ސަބަބުންނާއި 2019 ވަނަ އަހަރު ކުރިމަތިވި ތޫފާން ސައިކްލޯންގެ ސަބަބުން ވައިގަދަވެ ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ވަނީ އެހީތެރިކަން ފޯރުކޯށްދީފައެވެ.
އެން.ޑީ.އެމް.އޭއިން ހިއްސާކުރި މަޢުލޫމާތަށް ބަލާއިރު 2017 ވަނަ އަހަރު 73 ހާދިސާއަކަށް 1،050،443.95 (އެއްމިލިޔަން ފަންސާސްހާސް ހަތަރުސަތޭކަ ސާޅީސް ތިން ރުފިޔާ ނުވަދިހަ ފަސް ލާރި ) އެހީގެ ގޮތުގައި ފޯރުކޮށްދީފައިވެއެވެ. 2018 ވަނަ އަހަރު ހިނގި ހާދިސާތަކުގެ ތެރެއިން 21 ހާދިސާއަކުން ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ފައިސާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފއެވެ. އެއީ 422،119.20 (ހަތަރު ލައްކަ ބާވީސް ހާސް އެއްސަތޭކަ ނަވާރަ ރުފިޔާ ވިހި ލާރި) ޚަރަދުކޮށްފައިވެއެވެ.
2019 ވަނަ އަހަރު 28 ހާދިސާއަކަށް 14،903،436.36 (ސާދަ މިލިޔަން ނުވަސަތޭކަ ތިންހާސް ހަތަރުސަތޭކަ ތިރީސް ހަ ރުފިޔާ ތިރީސް ހަ ލާރި) ވަނީ އެކަމުން އަރައިގަތުމަށް ފޯރުކޮށްދީފައެވެ.
2020 ވަނަ އަހަރު 6 ހާދިސާއަކަށް 1،579،434.20 (އެއްމިލިޔަން ފަސްލައްކަ ހަތްދިހަ ނުވަހާސް ހަތަރުސަތޭކަ ތިރީސް ހަތަރު ރުފިޔާ ވިހި ލާރި) ޚަރަދުކޮސްފައިވާއިރު 2021 ވަނަ އަހަރު 21 ހާދިސާއަކަށް 4،533،925.52 (ހަތަރުމިލިޔަން ފަސްލައްކަ ތިރީސްތިންހަށް ނުވަސަތޭކަ ފަންސަވީސް ރުފިޔާ ފަންސާސް ދެ ލާރި) ވަނީ ޚަރަދުކޮށްފައެވެ.
މީގެ އިތުރަށް މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް 19 ހާދިސާއަކަށް 2،121،073.60 (ދެ މިލިޔަން ސަތޭކަ އެކާވީސް ހާސް ހަތްދިހަ ތިން ރުފިޔާ ފަސްދޮޅަސް ލާރި) ވަނީ ހަރަދުކޮށްފައެވެ.
އެން.ޑީ.އެމް.އޭއިން ވިދާޅުވީ، ކާރިސާއަކަށް އިޖާބަދިނުމުގައާއި އިޔާދަވުމުގެ ޙާލަތުގައި ފޯރުކޮށްދޭންޖެހޭ ރިލީފްގައި މަދުވެގެން ހުންނަންޖެހޭ މިންގަނޑު ބަޔާންކުރުމުގެ ގޮތުންނާއި، ކާރިސާއެއްގައި އިޖާބަދިނުމަށާއި ރިލީފް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ރިލީފް ގައިޑްލައިން އިސްލާހުކޮށް ރިވިއުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. މީގެ އިތުރަށް ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަ ދިނުމުގެ ޓީމުތައް އެކުލަވާލުމުގެ އުސޫލު އަދި ފްރޭމްވޯރކު ތައްޔާރުކޮށް ވަނީ ނިންމާފައެވެ.