ޚަބަރު

ބޭނުންވަނީ ޓެކްނޮލޮޖީއާއެކު ޤައުމު ހިންގާނެ ޒުވާން ޖީލެއް އުފެއްދުމަށް: ރައީސް


އެކި ދާއިރާތަކުން ސަރުކާރުން ފޯރުކޮށްދޭ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.

މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްތަކުގެ ތެރެއިން ތަޢުލީމު އުނގެނުމަށް އެތަކެއް ފުރުޞަތުތަކެއް ހުޅުވާލެއްވިކަން ފާހަގަކުރައްވާފައެވެ.

ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ މިސަރުކާރުން ބޭނުންވަނީ ޓެކްނޮލޮޖީއާއެކު ޤައުމު ހިންގާނެ ޒުވާން ޖީލެއް އުފެއްދުމަށް ކަމަށެވެ. ރައީސް ވިދާޅުވީ ކިތަންމެ ކުޑަ އާމްދަނީއެއް ލިބޭ ވަޒީފާއަކުން ވިޔަސް، އަމިއްލަ ފުދުންތެރިކަމުގެ ހިތްހަމަޖެހުން ހޯދުމަށް މަސައްކަތް ކުރުމަކީ ޒުވާނުންގެ އިތުރަށް އަދި މުޅި މުޖްތަމައަށްވެސް ލިބޭނެ ވަރަށް ބޮޑު ފައިދާއެއްކަމަށެވެ.

ވަޒީފާ އަދާކުރާ ޒުވާނުން އިތުރުވުމުގެ ސަބަބުން މުޖުތަމައަށް އެތައް ފައިދާއެއް ކުރާނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ހުރި ވަރަށް ގިނަ އިޖްތިމާއީ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށާއި އޭގެ ތެރޭގައި މުޖްތަމައުން ޒުވާނުން ހަވާސާވުން ހުއްޓުވުމާއި ކުށުގެ ވެއްޓާ ދުރުކޮށްދީ, މާލީ ގޮތުން އެހެން ފަރާތްތަކަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ޤައުމީ ޔުނިވަރސިޓީގެ ދިރާސާއަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ ރަށްރަށުގައި ވަޒީފާގެ ފުރުސަތު މަދުވުމުގެ ސަބަބަކީ އެރަށްރަށަށް ބޭނުންވާ ހަގީގީ ތަރައްގީ ގެނެވިފައި ނެތުމާއި އެކަހެރިކޮށް ހުރި ރަށްރަށަށް ފަސޭހައިން ދަތުރުކުރެވޭނެ އިތުބާރު ހުރި ނިޒާމެއް ނެތުން ކަމަށެވެ.

"ވަޒީފާތައް އުފެދިގެން އަންނަނީ ވިޔަފާރިތަކާއި ސިނާއަތްތަކުން. އެކަމަށްޓަކައި މުހިންމު އަސާސީ ތިން ޚިދުމަތެއް ކޮންމެހެން އެބަ ބޭނުންވޭ. އެއް ކަމަކީ ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް. އަނެއް ކަމަކީ، ދަތުރުފަތުރުގެ އިތުބާރު ހުރި ނިޒާމެއް. ތިން ވަނަ ކަމެއްގެ ގޮތުގައި ގުނަންޖެހެނީ، މުވާސަލާތީ ނިޒާމެއް. މިޒަމާނަށް ބަލާއިރު އެއީ އިންޓަނެޓްގެ ލުއިފަސޭހަކަން." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއެވެ.

މި ސަރުކާރުން މި ކަންކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމަށް ހިންގޭ މަޝްރޫއާއި މިހާރު ތަރައްގީކުރަމުން އަންނަ އާރްޓީއެލް ފެރީ ނިޒާމާއެކު ވަޒީފާ ނެތުމަށް މެދުވެރިވާ ސަބަބުތައް ނެތެމުންދާ ކަމަށެވެ. މިގޮތުން މިހާރު އާރްޓީއެލް ފެރީއާއި ބަހުގެ ޚިދުމަތުންވެސް 300 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެން ގޮސްފައިވާކަން އެމަނިކުފާން ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އާރްޓީއެލް ފެރީގެ ނިޒާމު ހުރިހާ އަތޮޅަކަށް ފުޅާވުމުން އިތުރު އިދާރީ އަދި ފަންނީ ވަޒީފާތައް ހިމެނޭހެން ޖުމްލަ 1000 ވަޒީފާ އުފެދިގެންދާނެކަމަށެވެ. އަދި ސަރުކާރުން ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ހިންގާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން އެލަވަންސް ލިބޭ ގޮތަށް މިހާރު ވެސް ތަފާތު 14 ކުންފުންޏެއްގައި 321 ޒުވާނަކު ތަމްރީނުވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.