ސްޕެނިޝް ލީގުގައި އެތުލެޓިކް ބިލްބާއޯ ބަލިކޮށް ތާވަލުގެ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެމެދުގައިވާ ފަރަގު ބާސެލޯނާއިން ކުޑަކޮށްފިއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ ހަތަރު ލަނޑު ސުންލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާރސާއިންނެވެ. މިމެޗްގައި ބާރސާއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 12 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ އުސްމާން ޑެންބެލޭއެވެ. އަދި އޭގެ ފަސް މިނެޓްފަހުން ބާރސާގެ ލީޑު ފުޅާކޮށްދިނީ ސަރޖީ ރޮބާޓޯއެވެ. މިމެޗްގައި ބާރސާގެ ތިންވަނަ ލަނޑު މެޗްގެ 22 ވަނަ މިނެޓްގައި ޖަހާދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ އޭނާ ލަލީގާގައި މިސީޒަންގައި ކުޅުނު 11 މެޗްގައި ޖެހި 12 ވަނަ ލަނޑެވެ. އަދި ބާރސާގެ ފަހު ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ޖަހާދިނީ ފެރާން ޓޯރޭޒްއެވެ.
މިކާމިޔާބީއާއެކު ބާރސާއަށް މިހާރުވަނީ ކުޅުނު 11 މެޗުން 28 ޕޮއިންޓް ލިބި ރެއާލް އާއި ދެމެދުގައިވާ ފަރަގު ތިން ޕޮއިންޓަށް ކުޑަކުރެވިފައެވެ. ރެއާލް އަށް ލިބިފައިވަނީ 31 ޕޮއިންޓެވެ. މިމެޗުން ބަލިވުމުން ބިލްބާއޮ އުޅެނީ 18 ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައިގައެވެ.