އިނގިރޭސި އެފްއޭ ވިމެންސް ސުޕަ ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު އާސެނަލުން ކާމިޔާބުކޮށްފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް އާސެނަލް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ދެތީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލް އިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި ޖަހާ އާސެނަލް އަށް ލީޑު ނަގާދިނީ ލިއާ ވޯލްޓީއެވެ. އަދި އަދި އޭގެ ހަތް މިނެޓް ފަހުން އާސެނަލްގެ ދެވަނަ ލަނޑު ޖަހާދިނީ ފްރިޑާ މާނަމްއެވެ. މިމެޗްގައި ލިވަޕޫލުން ދޭތެރެ ދޭތެރެއިން އާސެނަލްގެ ގޯލަށް ނުރައްކާކުރި ނަމަވެސް އެއިސް އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.
މިކާމިޔާބީއާއެކު އާސެނަލް މިވަނީ މިސީޒަންގައި މިހާތަނަށް ކުޅުނު ހަތަރު މެޗް ކާމިޔާބުކޮށް 12 ޕޮއިންޓް ހާސިލްކޮށް ތާވަލްގެ އެއްވަނައިގައެވެ. އަދި މިއާއެކު އާސެނަލް ވިމެން މިވަނީ ލީގުގައި ޖެހިޖެހިގެން 12 މެޗް ކާމިޔާބުކޮށް ވިމެންސް ސުޕަރ ލީގުގައި އެޓީމުން 2018 ވަނަ އަހަރު ހެދި ރިކޯޑާއި އަރާ ހަމަކޮށްފައެވެ. މިރިކޯޑާއި 2021 ވަނަ އަހަރު މެންޗެސްޓަރ ސިޓީ ވިމެން އިން ހަމަކުރި ނަމަވެސް އެރިކޯޑް މުގުރާލެވިފައެއް ނުވެއެވެ. ނަމަވެސް އާސެނަލްއިން މިވަގުތު ކުޅެމުންދާ ކުޅުމަށް ބަލާއިރު މިރިކޯޑް މުގުރާނުލެވެނެ އެއްވެސް ސަބަބެއް ނެތް ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ. މިމެޗުން ބަލިވުމުން ލިވަޕޫލް ވިމެން އުޅެނީ 3 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެވެ.