ދާޚިލީ ސަލާމަތާ ގުޅޭ ކަންކަމުގައި އެހީތެރިވެދިނުމާ ގުޅޭގޮތުން ސައުދީ އަރަބިއްޔާގެ ދާޚިލީ ވުޒާރާގެ އިސްބޭފުޅުންނާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ ދައުވަތަކަށް ސައުދީ އަރަބިއްޔާގެ ދާޚިލީ ވުޒާރާގެ އިސްބޭފުޅުންގެ ވަފުދެއް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ވަފްދަކީ ސައުދީ އަރަބިއްޔާގެ ދާޚިލީ ވުޒާރާ، މިނިސްޓްރީ އޮފް އިންޓީރިއާ އޮފް ދަ ކިންގްޑޮމް އޮފް ސައުދީ އަރަބިއްޔާއިން ފޮނުއްވި ވަފުދެކެވެ. ވަފްދުގެ އެންމެ އިސްބޭފުޅަކަށް ހުންނެވީ މޭޖަރ ޖެނެރަލް ނާސިރު އުޘްމާން އަލްނާސިރުއެވެ. ނުވަ ބޭފުޅުން ހިމެނި ވަޑައިގަންނަވާ ވަފްދުގެ ބޭފުޅުންނާއެކު މަޝްވަރާކުރެއްވީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި، ދާޚިލީ ސަލާމަތާ ގުޅޭ ކަންކަމުގައި އެހީތެރިވެދިނުމާ ގުޅޭގޮތުންނެވެ. އަދި އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
ތިން ދުވަހުގެ މުއްދަތަށް ރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި މިވަފްދުގެ ބޭފުޅުން ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވާނެއެވެ.
މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ މިއަހަރުގެ މާރޗް މަހު ސައުދީ އަރަބިއްޔާގެ ދާޚިލީ ވަޒީރުގެ ދައުވަތަކަށް އެޤައުމަށް ވަޑައިގެންވެސް މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.