ކުޅިވަރު

އާރްއާރްސީ، ވެމްކޯ، ފެނަކަ އަދި ސިފައިން ކުއާޓާއަށް


ކުލަބު މޯލްޑިވްސް ކަޕް 2022 ގެ ދެވަނަ ބުރުގައި ކުޅުނު މެޗުތައް ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ)، ކުލަބު ވެމްކޯ، ޓީމު ފެނަކަ އަދި ދިވެހި ސިފައިންގެ ކުލަބު ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ހޯމަ ދުވަހުގެރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ވަނީ ދެވަނަ ބުރުގެ ހަތަރު މެޗު ކުޅެފައެވެ.

ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އާރްއާރްސީ އާއި ރަނަރަޕް ޓީމު އެފްއެސްއެމް ބައްދަލުކުރިއިރު، މި މެޗު އާރްއާރްސީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު އާރްއާރްސީން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް މައިސާން (މައި) އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އާރްއާރްސީން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެފްއެސްއެމްއިން ވަނީ ފަރަގު ކުޑަކޮށްފައެވެ. މެޗުގެ 19 ވަނަ މިނެޓުގައި އެފްއެސްއެމްއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އަޙްމަދު ވިޖުދާން (ވިޖޫ) އެވެ.

މި މުބާރާތުގެ ދެވަނަ ބުރުގައި ހޯމަ ދުވަހުގެރޭ ކުޅުނު ދެވަނަ މެޗުން ވެމްކޯ މޮޅުވީ ޓީމް އެލައިޑް އަތުން 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ 13 ވަނަ މިނެޓުގައި ވެމްކޯއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ވެމްކޯގެ އަނެއް ތިން ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަޙްމަދު އައިހަމާއި، އަލީ ކޮޑާޑީ އަދި އިސްމާޢީލް ވަޖީހެވެ.

މީގެ އިތުރުން ހޯމަ ދުވަހުގެރޭ ކުޅުނު ދެވަނަ ބުރުގެ ތިންވަނަ މެޗުގައި އެމްއޭސީއެލްގެ މައްޗަށް ސިފައިންގެ ކުލަބު ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސިފައިން ކުލަބުގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު އަލާއު އާއި، އިބްރާހީމް ސުޖާއު އަދި އިބްރާހީމް އަޙްމަދެވެ.

އަދި ހޯމަ ދުވަހުގެރޭ ކުޅުނު ދެވަނަ ބުރުގެ ފަހު މެޗުގައި ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ މައްޗަށް ފެނަކަ ކުރިހޯދީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނަކައިގެ އަޔާޒް އަޙްމަދު (އަޔާ) އާއި އައްޒާމް އަބްދުﷲ ވަނީ ދެ ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި ފެނަކައިގެ އަނެއް ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް މުބީން އަޙްމަދު ރަޝީދު (މުއްކި) އެވެ.

މި ނަތީޖާތަކާއެކު މި މުބާރާތުގެ ކުއާޓާގައި އެންމެ ފަހުގެ ޗެމްޕިއަން ބައްދަލުކުރާނީ ވެމްކޯއާއެވެ. އަދި ފެނަކަ ނުކުންނާނީ ސިފައިންގެ ކުލަބާ ދެކޮޅަށެވެ.