ތައިލެންޑްގު އޭޖް ސްވިމިން ޗެމްޕިއަންޝިޕް 2022 ގައި ބައިވެރިވެ، ރާއްޖޭގެ އީން އައްބާސް ޝަރީފް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
މި މުބާރާތުގެ 14-15 އަހަރުން ދަށުގެ ކެޓަގަރީން އީން ވަނީ ހަތަރު ރަން މެޑަލް ހޯދައިފައެވެ. އެއީ 400 މީޓަރު އިންޑިވިޖުއަލް މެޑްލީ އިވެންޓާއި، 200 މީޓަރު ބަޓަފްލައި ސްޓްރޯކް އާއު، 400 މީޓަރު ފްރީ ސްޓައިލް އާއި، 800 މީޓަރު ފްރީ ސްޓައިލް އިވެންޓުންނެވެ.
މީގެ އިތުރުން އީން ވަނީ ހަތަރު ރިހި މެޑަލް ވެސް ހޯދައިފައެވެ. އީން ރިހި މެޑަލް ހޯދާފައިވަނީ 50 އާއި 200 މީޓަރު ބްރެސްޓް ސްޓްރޯކް އާއި، 200 މީޓަރު ފްރީ ސްޓައިލް އިންޑިވިޖުއަލް މެޑްލީ އިވެންޓުންނެވެ. އަދި ލޯ މެޑަލް ހޯދީ 100 މީޓަރު ބްރެސްޓް ސްޓްރޯކުންނެވެ.
މީގެ އިތުރުން އީން ވަނީ އަންހެނުންގެ 400 މީޓަރުގެ ފްރީ ސްޓައިލް އިވެންޓުން ގައުމީ ރެކޯޑު ހަދާފައެވެ. މި ރެކޯޑު މީގެ ކުރިންވެސް އޮންނަނީ އީން އަތުގައެވެ. އީން ރެކޯޑް އާކުރީ، 5 މިނެޓު 29.88 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އީން ވަނީ މީގެ ކުރިން މިދިޔަ އޮގަސްޓް މަހު ތުރުކީގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ބައިވެރިވެފައެވެ. އެ މުބާރާތުގައިވެސް އީން ވަނީ ގައުމީ ރެކޯޑެއް މުގުރާލައިފައެވެ.
2019 ވަނަ އަހަރު އޭނާ ވަނީ މެލޭޝިއާގައި ބޭއްވި އޯޕަން ވޯޓާ ސްވިމިން ސީރީޒްގެ 12 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ތިންވަނަ ހޯދާފައެވެ. މިއީ އެކި ގައުމުތަކުގެ ފެތުންތެރިންނަށް ހުޅުވާލައިގެން ބޭއްވި މިފަދަ ބައިނަލްއަގުވާމީ އޯޕަން ވޯޓާ މުބާރާތަކުން ރާއްޖޭގެ ފެތުންތެރިޔަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފާއި އަޒްމާ މުޙައްމަދުގެ ދަރިފުޅު އީން މީގެ ފަސް ވަރަކަށް އަހަރު ކުރިން ފަތަން ޝައުގުވެރިކަން އުފެދި، މާލޭ ނިއުލެގޫންސް ސްވިމިން ކުލަބާއެކު ވަނީ ތަމްރީން ހަދައި އިންޓަ ސްކޫލް މުބާރާތުގައިވެސް ވާދަކޮށްފައެވެ. އަދި އޭގެ ފަހުން އީން ތަމްރީނު ހަދަމުން އައީ މެލޭޝިއާގައެވެ.