ކުޅިވަރު

މިޑްލްސްބްރާގެ ކޯޗުކަމާ މައިކަލް ކެރިކް ހަވާލުވެއްޖެ


މެންޗެސްޓާ ޔުނައިޓެޑާއި އިނގިރޭސި ގައުމީ ޓީމަށް ކުރިން ކުޅުނު މިޑްފީލްޑަރު މައިކަލް ކެރިކް، ޗެމްޕިއަންޝިޕްގެ ކްލަބް މިޑްލްސްބްރޯގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.

މިއީ ކެރިކް 2018 ވަނަ އަހަރު ކުޅުން ހުއްޓާލުމަށް ފަހު، ދާއިމީ ކޯޗެއްގެ ވަޒީފާއާ ހަވާލުވި ފުރަތަމަ ފަހަރެވެ. އޭނާ ވަނީ ޔުނައިޓެޑްގައި ހޯޒޭ މޮރީނިއޯ އާއި އޮލެ ގުނަ ސޯލްޝެއާގެ ކޯޗިން ޓީމުގައި އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

މިދިޔަ ސީޒަންގައި ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗުގެ މަގާމުން ވަކިކުރުމުން، ވަގުތީ ކޯޗު ރަލްފް ރަންގްނިކް ޓީމާ ހަވާލު ވަންދެން ކެރިކް ވަނީ ތިން މެޗެއްގައި ޔުނައިޓެޑަށް އިރުޝާދު ދީފައެވެ.

ކެރިކް އާއެކު މިޑްލްސްބްރޯގެ ކޯޗިން ޓީމުގައި ކުރިން ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅުނު ޖޮނަތަން ވުޑްގޭޓް ވެސް ހިމެނޭ. ވުޑްގޭޓް ވަނީ މީގެ ކުރިން މިޑްލްސްބްރޯގެ ހެޑް ކޯޗުގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

ކެރިކް އަކީ މިޑްލްސްބްރޯ 2017 ވަނަ އަހަރު ޕްރިމިއާ ލީގުން ރެލިގޭޓްވި ފަހުން އެޓީމަށް ގެނައި ހަ ވަނަ ކޯޗެވެ. ޗެމްޕިއަންޝިޕްގައި މިޑްލްސްބްރޯގެ ކޯޗުކަމުގައި ހުރި ކްރިސް ވައިލްޑާ މި މަހުގެ ކުރީކޮޅު މަގާމުން ދުރު ކުރިއިރު، ކެރިކް އެޓީމާ ހަވާލު ވަންދެން ޓީމަށް އިރުޝާދުދިނީ އެސިސްޓެންޓް ކޯޗު ލިއޯ ޕާޗޮވިޗް އެވެ.

ކެރިކްގެ އިރުޝާދުގެ ދަށުން މިޑްލްސްބްރޯ އެންމެ ފުރަތަމަ ނުކުންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ލީގުގައި ޕްރެސްޓޮން ނޯތު އެންޑާ ދެކޮޅަށެވެ.