ކުޅިވަރު

ރިސޯޓް ލީގު: ޖޯލި ފެށީ މޮޅަކުން، ކޯރާ ކޯރާ އާއި ޖޯލި ބީން އެއްވަރު


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2022 ގެ ރ. އަތޮޅު ޒޯނުގެ ފެށުން ޖޯލިން ރަނގަޅުކުރިއިރު، ކޮރާ ކޯރާ އާއި ޖޯލި ބީން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

މުބާރާތުގެ ރ. އަތޮޅު ޒޯނުގެ ކުޅުން ކުރިޔަށްދާނީ އެ އަތޮޅު މީދޫ ގައެވެ. މި މުބާރާތުގެ ކުޅުން ކުރިޔަށްދާނީ މި މަހުގެ 25 އިން ނޮވެމްބަރު 3 ގެ ނިޔަލަށެވެ. މިއީ ރ. އަތޮޅުގައި ރިސޯޓު ލީގު ބާއްވާ ފުރަތަމަ ފަހަރެވެ.

ޖުމްލަ ހަތް ޓީމު ބައިވެރިވި މި ޒޯނުގެ ކުޅުން ކުރިޔަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭ ގައި ހިމެނޭ ޓީމުތަކަކީ ޖޯލި، އަލީލާ ކޮތައިފަރު، އެމެރަލްޑް މޯލްޑިވްސްގެ އިތުރުން ކުޑަފުށި ރިސޯޓެވެ. ގްރޫޕް ބީ ގައި ހިމެނުނީ ޖޯލި ބީން އާއި ކޯރާ ކޯރާ ގެ އިތުރުން ދިގަލި މޯލްޑިވްސް އެވެ.

މުބާރާތުގެ ގްރޫޕް އޭ ގެ ފުރަތަމަ މެޗު ޖޯލި ކާމިޔާބުކޮށްފައި ވަނީ އަލީލާ ކޮތައިފަރު އަތުން 5-0 ގެ ނަތީޖާއަކުންނެވެ. ޖޯލި ގެ ފަސް ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގެ ތެރޭގައި އެ ޓީމުގެ ޖުމާން އަހުމަދު ކާމިޔާބުކޮށްދިން އިރު ފުރަތަމަ ހާފު ނިމުނީ އެއް ލަނޑާއެކު އެވެ.

ދެވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ހުސެއިން ނާސިފް ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ހަމަދު މުހައްމަދު ތިންވަނަ ލަނޑު ކާމިިޔާބުކޮށްދިން އިރު އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޖުމާން އަހުމަދެވެ. މެޗުގައި ޖޯލި ގެ ފަސްވަނަ ލަނޑަކީ ކޮތައިފަރުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.