ކުޅިވަރު

އެމްޕީއެލް، އެސްޓީއޯ، ސްޓެލްކޯ އަދި އެޗްޑީސީ ކުއާޓާއަށް


ކުލަބު މޯލްޑިވްސް ކަޕް 2022 ގެ ދެވަނަ ބުރުގައި ކުޅުނު މެޗުތައް ކާމިޔާބުކޮށް އެމްޕީއެލް، އެސްޓީއޯ ރެކްރިއޭޝަން ކުލަބު، ސްޓެލްކޯ ކުލަބު އަދި ކުލަބު އެޗްޑީސީން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި އަންގާރަ ދުވަހުގެރޭވެސް ވަނީ ދެވަނަ ބުރުގެ ހަތަރު މެޗެއް ކުޅެފައެވެ.

ފުރަތަމަ މެޗުގައި މޯލްޑިވިއަންގެ މައްޗަށް އެމްޕީއެލުން ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެމްޕީއެލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ދެވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަޙްމަދު ހުސެއިންއެވެ. މިއަހަރުގެ މުބާރާތުގައި އެމްޕީއެލް ކޮޅަށް މިހާތަނަށް ބައިކޮޅަށް ލަނޑެއް ވަދެފައެއްނުވެއެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު ދެވަނަ މެޗުގައި އެސްޓީއޯއިން ވަނީ ފަސޭހަކަމާއެކު ކުލަބް އެއާޕޯޓްސްގެ މައްޗަށް ކުރިހޯދައިފައެވެ. މި މެޗު އެސްޓީއޯއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެސްޓީއޯގެ ހުޒައިފަތު ރަޝީދު ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. އެސްޓީއޯގެ އަނެއް ލަނޑު އެޓީމަށް ޖަހައިދިނީ އިސްމާއިލް އީސާ (މެސީ)އެވެ. މި މެޗުގައި އެއާޕޯޓްސްއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަލީ އާމިރެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު ތިންވަނަ މެޗުގައި ސްޓެލްކޯއިން ކުލަބް ފެންގެ މައްޗަށް ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސްޓެލްކޯގެ އަލީ މާއިސް (މައްޓު) އާއި އިބްރާހީމް ރިމާޙް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. ފެން ކުލަބްގެ ލަނޑުތައް އެ ޓީމަށް ޖަހާދިނީ ސޮލާޙް އަލީ އާއި ތޮލާލް ނަސީރުއެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު ފަހު މެޗުގައި އެޗްޑީސީން، އެވްސެކްގެ މައްޗަށް ކުރިހޯދީ 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެޗްޑީސީގެ ސާމިން މުޙައްމަދު ނަސީރު އާއި އަކްރަމް އަބްދުލް ރަޝީދު މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، އެޗްޑީސީގެ އަނެއް ލަނޑު އެޓީމަށް ޖަހާދިނީ އަބްދުﷲ ވިސާމްއެވެ.

މި ނަތީޖާތަކާއެކު ކުއާޓާ ފައިނަލުގައި އެމްޕީއެލް ވާދަކުރާނީ އެސްޓީއޯއެވެ. މި ދެ ޓީމަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ދެ ޓީމެވެ. އަދި ކުއާޓާ ފައިނަލުގައި އެޗްޑީސީ ނުކުންނާނީ ސްޓެލްކޯއާ ދެކޮޅަށެވެ.