ކުޅިވަރު

ބެންފީކާ އަތުން ބަލިވެ ފުރަތަމަ ބުރުން ޔުވެންޓަސް ކަޓައިފި


ޔުއެފާ ޗެމްޕިއަންސް ލީގުގައި ބެންފީކާ އަތުން ބަލިވެ، މުބާރާތުގެ ފުރަތަމަ ބުރުން ޔުވެންޓަސް ކަޓައިފިއެވެ.

މުބާރާތުން ޔުވެންޓަސް އަލްވަދާއު ކިޔަން ޖެހުނީ ގްރޫޕް އެޗްގައި ރޭ ކުޅުނު މެޗުގައި ބެންފީކާ އާއި ބައްދަލުކުރި މެޗުން ބަލިވުމުންނެވެ. ބެންފިކާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބެންފީކާއިންނެވެ. މި މެޗްގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓްގައި ޖަހާ މި މެޗްގެ ލީޑު ނަގާފައިވަނީވެސް ބެންފީކާއެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ އެންޓޯނިއޯ ސިލްވާ އެވެ.

ނަމަވެސް މި ލަނޑު ޖެހިތާ ހަތަރު މިނެޓްފަހުން ޔުވެންޓަސްގެ މޮއިސް ކީންވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗްގައި ދެވަނަ ފަހަރަށް ބެންފީކާއިން ލީޑު ނަގާފައިވަނީ މެޗްގެ 28 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯއޮ މާރިއޯއެވެ.

ބެންފީކާއިން މި މެޗްގައި ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗްގެ 35 ވަނަ މިނެޓްގައި ޖަހާދިނީ ރަފާ ސިލްވަރއެވެ. އަދި އެޓީމްގެ ފަހު ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ޖަހާދިނީވެސް ތިން ވަނަ ލަނޑު ޖަހާދިން ރަފާ ސިލްވާ އެވެ. މި ލަނޑާއެކު މެޗްގައި ބެންފީކާއަށް ތިން ލަނޑުގެ ލީޑެއް ލިބި ހަމަޖެހިލިއެވެ.

މި މެޗްގައި ޔުވެންޓަސްގެ ދެވަނަ ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި ޖަހާދިނީ އާކަޑިއަސް މިލިކް އެވެ. އަދި ޔުވެންޓަސްގެ ތިންވަނަ ލަނޑު މެޗްގެ 79 ވަނަ މިނެޓްގައި ޖަހާދިނީ ވެސްޓަން މެކެނީއެވެ. މި ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ ޔުވެންޓަސް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.

މި ކާމިޔާބީއާއެކު ބެންފީކާއަށް މިވަނީ ކުޅުނު ފަސް މެޗުން 11 ޕޮއިންޓް ލިބި ދެވަނަ ބުރު ކަށަވަރުވެފައެވެ. އަދި މިހާތަނަށް ގްރޫޕްގެ އެއްވެސް މެޗަކުން ބެންފީކާ ބަލިވެފައެއް ނުވެއެވެ. އަދި ޔުވެންޓަސް މިވަނީ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެ ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ފަހު މެޗްގައި ޕެރިސް ސެއިންޓް ޖާމެއިން އަތުން ބަލިވެއްޖެ ނަމަ ޔޫރޮޕާ ލީގުގެ ޖާގަވެސް ގެއްލުމުގެ ފުރުސަތު ޔުވެންޓަސްއަށް އެބައޮތެވެ.