ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން މި ސީޒަނުގައި ފުރަތަމަ ފަހަރަށް މެޗަކުން ބަލިވެއްޖެއެވެ.
ރެއާލް ބަލިވެފައިވަނީ ގްރޫޕް އެފްގައި އާރް ބީ ލިޕްޒިގް އާއި ރަށުން ބޭރުގައި ކުޅުނު މެޗުގައެވެ. ލިޕްޒިގްގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ރެއާލްއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ލިޕްޒިގުންނެވެ.
މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 13 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ލިޕްޒިގުންނެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ކްރޮއޭޝިއާގެ ޑިފެންޑަރ ޔޮސްކޯ ގްވާޑިއޯލްއެވެ. އަދި އޭގެ ފަސް މިނެޓްފަހުން ފަރަންސޭސި ފޯވަޑް ކްރިސްޓޮޕަރ އެންކުންކޫ ޖަހާދިން ލަނޑާއެކު މިމެޗްގައި ލިޕްޒިގުން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. މި މެޗްގައި ރެއާލްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ޖަހާދިނީ ވިނީޝިއަސް ޖޫނިއަރއެވެ.
މި މެޗްގައި ލިޕްޒިގް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗްގެ 81 ވަނަ މިނެޓްގައި ޖަހާދިނީ ޓީމޯ ވަރނަރއެވެ. އަދި ރެއާލް އިން މިމެޗްގައި ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ރޮޑްރިގޯއެވެ.
މި ކާމިޔާބީއާއެކު މިމުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް ލިޕްޒިގްއިން ކުރަމުންދާ މަސައްކަތަށް މިވަނީ އިތުރު ހިތްވަރެއް ލިބިގެއް ގޮސްފައެވެ. ލިޕްޒިގްއަށް މިހާރުވަނީ ފަސް މެޗުން 9 ޕޮއިންޓް ލިބި ދެވަނައަށް އަރާފައެވެ. އެޓީމާއި އެންމެ ގާތުން ވާދަކުރަމުންދާ ޝަކްޓާ ޑޮނެސްކްއަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. މި ގްރޫޕްގެ ފަހު މެޗްގައި ލިޕްޒިގް ވާދަކުރުމަށް ހަމަޖެހިފައިވަނީވެސް ޝަކްޓާއާއެވެ.
މެޗުން ބަލިވި ނަމަވެސް ރެއާލްއަށް ކުރިންވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެގެން ގޮސްފައެވެ. ނަމަވެސް މި ނަތީޖާގެ ސަބަބުން ގްރޫޕްގެ އެއްވަނަ އެނގިގެންދާނީ ފަހު ބުރުގެ މެޗްތަކަށްފަހުއެވެ. ރެއާލްއަށް މިހާރު ލިބިފައިވަނީ 5 މެޗުން 10 ޕޮއިންޓެވެ.