ކުޅިވަރު

ޒެގްރެބް ބަލިކޮށް އޭސީ މިލާނަށް ދެވަނަ ބުރުގެ އުއްމީދު


ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ޑީނަމޯ ޒެގްރެބް ބަލިކޮށް މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް އޭސީ މިލާނުން ކުރަމުންދާ އުއްމީދު އާކޮށްފިއެވެ.

ޒަގްރެބްގެ ދަނޑުގައި ކުޅުނު މި މެޗް މިލާން ކާމިޔާބުކުރީ ހީކުރިވަރަށް ވުރެ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.

މިލާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޒަގްރެބްއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލ އުފައްދާފައިވަީ މިލާނުންނެވެ. މި މެޗްގައި މިލާންގެ ފުރަތަމަ ލަނޑު މެޗްގެ 39 ވަނަ މިނެޓްގައި ޖަހާދިނީ މަޓިއޯ ގަބިއާއެވެ.

އެ ޓީމްގެ ދެވަނަ ލަނޑު މެޗްގެ 49 ވަނަ މިނެޓްގައި ރަފައެލް ލިއާއޮ ޖަހާދިން އިރު ތިންވަނަ ލަނޑު މެޗްގެ 59 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އޮލިވަރ ޖިރޫއެވެ.މި މެޗްގައި މިލާނުން ކާމިޔާބުކުރި ފަހު ލަނދަކީ ޒަގްރެބްގެ ރޮބަރޓް ލިޔުބްޗިޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ކާމިޔާބީއާއެކު މިލާނަށް މިހާރުވަނީ ކުޅުުނު ފަސް މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. އަދި ފަހު މެޗްގައި ނުކުންނާނީ އެޓީމާއި އެންމެ ގާތުން މި މަގާމަށް ވާދަކުރަމުންދާ އާރްބީ ސާލްޒްބަރގް އާއި ދެކޮޅަށެވެ. އެ ޓީމަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. އަދި ޒަގްރެބް އުޅެނީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ.

މި ގްރޫޕުން އެއްވަނަ ޓީމްގެ ގޮތުގައި ޗެލްސީ މިހާރުވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. އެއީ ރޭ ސާލްޒްބާރގް އާއި ބައްދަލުކުރިމެޗް 2-1 އިން ކާމިޔާބުކޮށްގެންނެވެ.