ޚަބަރު

މިފަހަރުގެ ކޮޕް ސަމިޓުގައި މޫސުމީ ގެއްލުންތަކުގެ ބަދަލު ހޯދުމާއި ގުޅޭގޮތުން ވަކާލާތު ކުރާނެ: ޝައުނާ


މިއަހަރުގެ ކޮޕް ސަމިޓްގައި ރާއްޖެއިން އެންމެބޮޑަށް ވަކާލާތުކުރާނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ ޚަރަދުތައް ހޯދުމަށްކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އާއިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާ ބެހޭ އ.ދ.ގެ މަހާސިންތާ (ކޮޕް27) ކުރިއަށްދާނީ އަންނަ މަހުގެ 6 އިން 18އަށް މިޞްރުގެ ރިސޯޓު ރަށެއް ކަމުގައިވާ ޝަރްމު އައްޝައިޚްގައެވެ.

މިފަހަރުގެ ކޮޕް27 ސަމިޓްގައިވެސް ރާއްޖެއިން ބައިވެރިވާއިރު ރާއްޖޭގެ ވަފްދުގެ އިސްވެރިއަކަށް ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމްއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އައިމިނަތު ޝައުނާ ވިދާޅުވީ މިފަހަރުގެ ކޮޕް ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާއި އެ ގެއްލުންތަކުން އަރައިގަތުމަށް ބަދަލުހޯދުމާއި ގުޅޭގޮތުން ކުދި ޖަޒީރާ ޤައުމުތަކުން ވަރަށް ބޮޑަށް ވަކާލާތު ކުރާނެ ސަމިޓްވެގެންދާނެކަމަށެވެ. މީގެ އިތުރަށް މޫސުމީގޮތުން އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ މަސައްކަތްތަކަށްވެސް ރާއްޖެއިން ވަކާލާތުކުރާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަހަރު ރާއްޖެއިން އެންމެ ބޮޑަށް ވަކާލާތުކުރައްވާނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އެކަމަށް ކުރަންޖެހޭ ހޭދަ ހޯދުމާއި ގުޅެގޮތުންކަމަށެވެ. މިގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ އިޔާދަނުކުރެވޭ ގެއްލުންތަކުން އަރައިގަތުމަށް، ފައިނޭންސިން ފެސިލިޓީއެއް ވީހާވެސް އަވަހަށް އުފެއްދުމަށް ވަކާލާތުކޮށް، 2025ގެ ނިޔަލަށް އެޓަޕްޓޭޝަނަށް ކަނޑައެޅިފައިވާ ފަންޑިން ދެގުނައަށް އިތުރުކުރުމަށް މަސައްކަތްކުރާނެ ގޮތުގެ ޕްލޭނެއް ތައްޔާރުކުރުމާއި ގުޅޭގޮތުންވެސް ވަކާލާތު ކުރާނެއެވެ.

" 2030 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް ހިފެހެއްޓޭނެކަމަށް ނުބެލެވޭ. މި އަދަދު 2 ޑިގްރީ ސެލްސިއަށްއަށްވުރެ މައްޗަށް ހިނގައިދާނެކަމުގެ ބިރުވެސް އެބައޮތް. މިހާރު މިކުރާ އަސުރުގެ ސަބަބުން އަޅުގަނޑުމެންގެ ތަރައްޤީއަށާއި ރާއްޖެއަށް މިކުރާ އަސަރުގެ ހައްލު ހޯދަވައިދެވޭނެ ނިޒާމެއް ބައިނަލްއަޤްވާމީފެންވަރުގައި އޮންނަން އެބަޖެހޭ. މި އެހީ ވަކި ލިބެންޖެހޭނީ ދޭދޭ ޤައުމުތަކުގެ ގުޅުން ބަދަހިވެގެންނެއް ނޫން. ބައިނަލްއަޤްވާމީ ގޮތުން ސިސްޓަމައިޒްގޮތަކަށް އެހީ ލިބޭނެ ގޮތެއް އޮންނަން ޖެހޭނެ. އަދިވެސް އެފަދަ ނިޒާމެއް ނެތް މިކަންކަމުން އަަރައިގަތުމަށް ލިބޭ އެހީ އަދިވެސް ވަރަށް މަދު" ޝައުނާ ވިދާޅުވިއެވެ.

ކޮޕް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ރާއޖޭގައި ވަނީ ޒުވާނުންނަށް ހާއްސަކޮށްގެން ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ވަނީ މޫސުމީ ބަދަލުތަކުގެ މައްސަލައިގައި ދިވެހި ޒުވާނުންގެ ކަންބޮޑުވުންތައް ފާހަގަކޮށްފައެވެ. އަދި ޒުވާނުންގެ ކަންބޮޑުވުންތައް މިފަހަރުގެ ސަމިޓްގައިހުށައެޅުމަށްވެސް ވަނީ ނިންމާފައިވެއެވެ.

މިދިޔަ އަހަރު ބޭއްވި ކޮޕް 26 ސަމިޓުގައިވެސް ރާއްޖެއިން އެންމެ ބޮޑަށް ވަކާލާތުކޮށްފައިވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ތިމާވެއްޓާ ރައްޓެހި ނިޒާމަކަށް ބަދަލުވުމަށް ނުވަތަ އެކަމަށް ހޭނުމަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުކުރުމަށް ބޮޑެތި ޤައުމުތަކުން އެއްގަލަކަށް އެރުވުމަށެވެ. ހަމައެއާއެކު ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީގައި ބެހެއްޓުމަށްޓަކައި ޖައްވަށް ބޭރުކުރަމުންދާ ވިހަ މާއްދާތައް މަދުކުރުމަށް ދުނިޔޭގެ ބޮޑެތި ޤައުމުތައް އެއްބަސްކުރުވުމަށްވެސް ރާއްޖެއިން ވަކާލާތު ކުރިއެވެ.

ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ޤައުމެވެ. މިގޮތުން ރާއްޖެއަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި އުދައެރުމާއި ފެންބޮޑުވުމުން ލިބޭ ގެއްލުންތައް އިތުރުވެއެވެ. އަދި މިފަދަ ހާދިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ ހޭދަވެސް ރާއްޖޭގެ ނިސްބަތުން ބޮޑެވެ.