ދުނިޔޭގެ ވިޔަފާރި

ގޫގުލްއާއި މައިކްރޯސޮފްޓްގެ ވިޔަފާރި ދަށަށް!


ގޫގްލްއާއި މައިކްރޯސޮފްޓްގެ ވިޔަފާރި ނިމުނު 3 ވަނަ ކުއާޓަރުގައި ދަށަށް ހިނގައްޖެއެވެ.

ގޫގްލްއާއި ޔޫޓިއުބްގެވެސް ބެލެނިވެރި ކުންފުނި ކަމަށްވާ، އަލްފަބެޓްގެ ވިޔަފާރި 3 ވަނަ ކުއާޓަރުގައި އިތުރުވީ އެންމެ %6 އެވެ. މިއީ ކުރިއާ އަޅާބަލާއިރު ދަށް އަދަދަކަށްވާއިރު، ކުންފުނީގެ ވިޔަފާރި ދަށްވީ އިޝްތިހާރު ކުރުމަށް ކަނޑައަޅާފައިވާ ބަޖެޓް ކުޑަކުރުމުންކަމަށް އަލްފަބެޓްއިން ވަނީ ބުނެފައެވެ.

އަނެއްކޮޅުން މައިކްރޯސޮފްޓްގެ ކޮމްޕިޔުޓަރާއި އެހެނިހެން ޓެކްނޮލޮޖީއަށް އޮތް ޑިމާންޑް ދަށްވެފައިވާކަމަށް މައިކްރޯސޮފްޓްއިން ވަނީ ބުނެފައެވެ. އެ ކުންފުނީގެ ވިޔަފާރި މި ކުއާޓަރުގައި %11 އަށް އިތުރުވެ، އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 50.1 ބިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުންފުންޏަށް ލިބުނު އެންމެ ދަށް އާމްދަނީއެވެ.

ޔޫޓިއުބްއިން އިޝްތިހާރުތަކުން ލިބޭ އާމްދަނީ ދަށްވުމުން އަލްފަބެޓްގެ މި ކުއާޓަރުގެ ވިޔަފާރި %30 އަށް ދަށްވެ އާމްދަނީ ވަނީ 13.9 ބިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައެވެ. އަދި ވޭތުވެދިޔަ 5 ކުއާޓަރުގައިވެސް ކުންފުނީގެ ވިޔަފާރީގެ ކުރިއެރުން އަންނަނީ މަޑުޖެހެމުންނެވެ.

ކަސްޓަމަރުން މަދުވުމުން ޕާސަނަލް ކޮމްޕިއުޓަރާއި ކްލައުޑް ޓެކްނޮލޮޖީއަށް އޮތް ޑިމާންޑް އަހަރުގެ ބާކީ ދުވަސްތަކުގައިވެސް ދަށްވަމުން ދާނެކަމަށް ލަފާކުރާކަމަށް މައިކްރޯސޮފްޓް އިން ވަނީ ބުނެފައެވެ. އެގޮތުން އެކުންފުނީގެ އެކްސް ބޮކްސް ވީޑިއޯ ގޭމްގެ ވިޔަފާރިވެސް ވަނީ ދަށްވެފައެވެ.

ވޭތުވެދިޔަ މަސްތަކުގެ ތެރޭގައި އަލްފަބެޓް އިން މުވައްޒަފުން ނެގުން މަޑުޖައްސާލާފައިވާއިރު، މައިކްރޯސޮފްޓްއިންވެސް ވަނީ ވަޒީފާތައް މަދުކޮށްފައެވެ.

މި ދެ ކުންފުނީގެ އިތުރުން ނެޓްފްލިކްސް އާއި ޓްވިޓަރ އަދި އެނޫންވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ހިންގާ ކުންފުނިތަކުން ވަނީ މުވައްޒަފުން މަދުކޮށްފައެވެ.

ކޯވިޑުގެ ބަލިމަޑުކަމާއިހެދި، ގައުމުތައް ފުރަބަންދުކުރުމުން ޓެކްނޮލޮޖީ ކުންފުނިތަކަށް އޮތް ޑިމާންޑް އިތުރުވެ، އެ ކުންފުނިތަކުގެ ވިޔަފާރި ރަނގަޅުވިއެވެ. ނަމަވެސް ޓެކް ކުންފުނިތަކުގެ ވިޔަފާރި މިދުވަސްކޮޅު މާރަނގަޅު ނޫން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ތަކެތީގެ އަގު އުފުލި އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވިޔަފާރިތައް ވަނީ ދަށަށް ގޮސްފައެވެ. މިއާއިއެކު މުޅި ދުނިޔޭގެ އިގްތިސާދު ރިސެޝަނަކަށް ހިނގައިދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.