ޚަބަރު

ސަރުކާރުން އެޅި ކޮންމެ ފިޔަވަޅަކުންވެސް އިޤްތިޞާދަށް ކުރީ ފައިދާ: ނާޝިޒް


މިފަހުން ރާއްޖެއަށް ކުރިމަތިވި އިޤްތިޞާދީ ބޮޑެތި ގޮންޖެހުންތަކުގައި ސަރުކާރުން އެޅި ކޮންމެ ފިޔަވަޅަކުންވެސް އޭގެ ހެޔޮ ނަތީޖާ ދިވެހި ރައްޔިތުންނަށާއި، ޤައުމަކަށް ކޮށްފައިވާކަން މުޅި ދުނިޔެވެސް ހެކިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ސަރުކާރުން ހުށަހެޅި ބިލުގެ ކޮމެޓީ މަރުހަލާގައި ވާހަކަ ދައްކަވަމުން ނާޝިޒު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުނުކޮށް، ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދުތައް ދެމެހެއްޓެނިވި ގޮތެއްގައި ފޫއްބަދައިގެން ކުރިއަށް ގެންގޮސް މެނޭޖް ކުރެވޭނެ ގޮތެއް ނެތުމުން ނިންމި ނިންމުމެއްކަމަށެވެ.

ކޯވިޑްގައި މުޅި ދުނިޔެއަށް ދިމާވި އިޤްތިޞާދީ ދަތިތަކުގައި ސަރުކާރުން ގެންގުޅުއްވި ސިޔާސަތުތަކާއި ނިންމި ނިންމުންތަކަކީ އޭގެ ހެޔޮ ނަތީޖާ މުޅި ޤައުމަށް ކުރި ނިންމުންތަކެއް ކަމަށް ނާޝިޒު ވިދާޅުވިއެވެ. އެހާލަތުގައިވެސް ސަރުކާރަށް ފާޑުކިޔައި ނިންމި ނިންމުންތަކާއި ދެކޮޅު ހެދި ބަޔަކު ތިބިކަމަށާއި، ނަމަވެސް އޭރު އެނިންމި ނިންމުންތަކުން ޤައުމުގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން އެދުވަހު ދެކޮޅު ހެދި ބޭފުޅުންވެސް ގަބޫލުކުރާކަމަށް ނާޝިޒު ވިދާޅުވިއެވެ.

ކޯވިޑަށްފަހު ރަޝީއާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ލޮޅުންތަކާއިއެކު މިހާލަތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް މަގުފަހި ނުކޮށްފިނަމަ، އޭގެ ނުރަނގަޅު އަސަރު މުޅި ރައްޔިތުންނަށް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދުނިޔޭގައި ތެލުގެ އަގު އިންތިހާއަށް ބޮޑުވެ، ތަކެތީގެ އަގު އުފެލެމުންދާ މިދަނޑިވަޅުގައި މާލީގޮތުން ރަނގަޅު ނިންމުންތަކެއް ނިންމުމަކީ ސަރުކާރުން ރައްޔިތުންގެ ހައްގުގައި ނިންމާ ނިންމުމެއްކަމަށް ނާޝިޒު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން އެންމެންވެސް ވިސްނަންވީ ޤައުމަށް އެންމެ ފައިދާހުރި، ރައްޔިތުންނަށް އެންމެ ފައިދާހުރި، ރައްޔިތުންނަށް އެންމެ އިޚުލާސްތެރި ގޮތެއްގައި މިކަން ކޮށްދިނުމަށް އެންމެ މުހިންމު ނިންމަކީ ކޮބައިކަން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިއަދަކީ އަމިއްލަ ޕޮލިޓިކަލް އެޖެންޑާ ހާސިލް ކުރުމަށްޓަކައި ޤައުމު ހަލާކާއި ދިމާލަށް ގެންދަން އެޅެންވީ ވަގުތެއްނޫން." ނާޝިޒު ވިދާޅުވިއެވެ.

ޓެކްސް ބޮޑުކުރުމަށް ނިންމާ ނިންމުމަކީ ކުރިމަތީގައި ބޮޑު އިންތިޚާބެއް އޮތްވާ ސަރުކާރަށް ފަސޭހަ ނިންމުމެއް ނޫންކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ މަސްލަހަތަށް ވުރެ ޤައުމު އިސްކުރައް ވަނީ ޤައުމަށް ލިބޭނެ ގެއްލުން މާބޮޑުވެދާނެތީކަމަށް ނާޝީޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސިޔާސީ ގޮތުން މިކަމުގައި ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް މާލީ ގޮތުން ލިބެން އޮތް ހެޔޮ ބަދަލެއް ގެނެވޭނީ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.

ނާޝިޒުގެ ވާހަކަފުޅުގައި ރައްޔިތުންގެ މަސްލަހަތާއި ގުޅުންހުރި އެތައް ޕްރޮޖެކްޓްތަކާއި، މުސާރަތަކުގެ ހަމަހަމަކަން ގާއިމްކުރުމާއި، ބޭސްފަރުވާގެ ސިޔާސަތު ހަމަހަމަ އުސޫލުން ގެންދެވޭނީ އިޤްތިޞާދީ ގޮތުން ދައުލަތް ބާރުވެރިވެގެންކަމަށެވެ.