ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ވިކްޓޯރިއާ ޕްލްޒެން ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުން އިންޓަ މިލާން ޖާގަ ހޯދައިފިއެވެ.
އިންޓަރގެ ދަނޑުގައި ކުޅުނު މިމެޗް އެ ޓީމް ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.
އިންޓަރގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލ އުފައްދާފައިވަނީ އިންޓަރއިންނެވެ. މިމެޗްގައި އިންޓަރގެ ފުރަތަމަ ލަނޑު މެޗްގެ 35 ވަނަ މިނެޓްގައި ޖަހާދިނީ ހެންރިކް މިހްތާރުޔާންއެވެ. އަދި ފުރަތަމަ ހާފް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އެޑިން ޖެކޯ ވަނީ ލަނޑެއް ޖަހާ އެޓީމްގެ ލީޑު ފުޅަކޮށްދީފައެވެ. މިމެޗްގައި އިންޓަރގެ ތިންވަނަ ލަނޑު މެޗްގެ 66 ވަނަ މިނެޓްގައި ޖަހާދިނީވެސް ޖެކޯއެވެ. އަދި އެޓީމްގެ ފަހު ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ ރޮމެލޫ ލުކާކޫއެވެ. މިއީ އޭނާ އަނިޔާ ހުރުމަށްފަހު އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗެވެ.
މިކާމިޔާބީއާއެކު އިންޓަރއަށް މިހާރުވަނީ ކުޅުނު ފަސް މެޗުން 10 ޕޮއިންޓް ލިބިފައެވެ. އަދި މިއާއެކު ގްރޫޕް ސީގައި މިވަގުތު ތިންވަނައިގާ އުޅޭ އެފްސީ ބާސެލޯނާއަށް އިންޓަރ އާއި އަރާ ހަމަ ނުކުރެވޭނެކަން ޔަގީން ވެފައިވުމުގެ ސަބަބުން އިންޓަރއަށް މިވަނީ ދެވަނަ ބުރުގެ ޖާގައެއް ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ކަށަވަރުވެގެން ގޮސްފައެވެ. އަދި ޕްލްޒެން އަދިވެސް އުޅެނީ ޕޮއިންޓެއް ނުލިބި އެންމެ ފުލުގައެވެ.