ޚަބަރު

ހުރާވީ ބިލްޑިންގ ހުރި ބިމުގައި 200 އަށްވުރެ ގިނަ ސައިކަލް ޕާކުކުރެވޭ ޒޯނެއް


ހުރާވީ ބިލްޑިންގ ހުރި ބިިމުގައި ސައިކަލު ޕާކް ކުރުމަށް ޕާކިން ޒޯންއެއް ހަދައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ހުރަވީ ބިލްޑިން ހުރި ބިމުގައި 226 ސައިކަލަކަށް ޕާކްކުރެވޭނެ ގޮތަށް ޕާކިން ޒޯނެއް ހަދާފައިވާކަމަށެވެ. އަދި މިހާރު ކުރަމުން އަންނަނީ ޕާކިން ޒޯން ކުރެހުމުގެ މަސައްކަތްކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މި ސަރަޙައްދުގައި ޕާކިން ޒޯނެއް ހެދުމާއެކު އޮފީސްތަކަށް ދާ މީހުންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ވެގެންދާނެއެވެ. ޚާއްސަގޮތެއްގައި ވެލާނާގޭގައި ގިނަ އޮފީސްތަކެއް ހިންގަމުން އަންނައިރު އޮފީސްތަކަށް ދާ މީހުންނާއި އުނދަގޫވެފައި އޮންނަނީ ޕާކް ކުރާނެ ޖާގައެއް ނުލިބުމުންނެވެ. ނަމަވެސް ހުރަވީ ބިލްޑިން ހުރި ބިމުގައި ޕާކިން ޒޯނެއް ހެދުމުން މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެއެވެ.

މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަތަައް ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު މިނީ ބަހުގެ ޚިދުމަތާއެކުވެސް ވަނީ އިތުރު ޕާކިން ޒޯންތައް ހަދާ ޕާކްކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުންދިޔަ ހުރަވީ ބިލްޑިންގ ތަޅާލުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މެއިމަހުގެ ތެރޭގައެވެ. އަދި މިހާރު އެތަން ހުސްކޮށްފައިވާއިރު އެތަނުގައި ޕާކްހެދުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. ޕްލޭނިން މިނިސްޓްރީން ކުރިން ވިދާޅުވެފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެ ޕާކް ހުޅުވުމަށް މަސައްކަތް ކުރައްވާކަމަށެވެ.

ހުރަވީ ބިލްޑިއަންގއަކީ 35 އަހަރަށްވުރެ ގިނަ ދުވަސްވީ ޢިމާރާތެކެވެ. ހުރަވީ ބިލްޑިން ބާވެ އެތަނަކީ ރައްކާތެރި ތަނެއް ނޫންކަމަށް ކަނޑައަޅާފައި ވަނިކޮށް، ވަރަށް ފަހަކާއި ޖެހެންދެންވެސް އެ ޢިމާރާތް ބޭނުންކުރިއެވެ.

މި އިމާރާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި އިމިގްރޭޝަނާއި ޓްރާންސްޕޯޓް އޮތޯރިޓީއާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ޔުނިޓްތައްވެސް ވަރަށް ފަހަކާއި ޖެހެންދެން ހިންގިއެވެ. އެ ޢިމާރާތް ބޭނުންކުރަމުން އައިރުވެސް ތަފާތު އެކި ހާދިސާތައް ހިންގާފައިވެއެވެ.

ހުރަވީ ބިލްޑިންގގައި ހިންގާ އޮފީސްތައް ހުސްކޮށް، އެ އިމާރާތް ތަޅައިލަން 2010 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންވެސް ނިންމިއެވެ. ނަމަވެސް ސަރުކާރު އޮފީސްތައް ބަދަލުކުރާނެ އެހެން އިމާރާތެއް އޭރު ނެތުމުން އެކަން ކޮށްފައެއްނުވެއެވެ. ހުރަވީ ބިލްޑިންގަކީ ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު ހެދި އޮފީސް ޢިމާރާތެކެވެ.