ކުޅިވަރު

ރިސޯޓް ލީގު: ޖޯލި ބީން އާއި ކުޑަފުއްޓަށް ރަނގަޅު ފެށުމެއް


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2022 ގެ ރ. އަތޮޅު މުބާރާތުގައި ޖޯލި ބީން އާއި ކުޑަފުށިން ފެށުން ރަނގަޅުކޮށްފިއެވެ.

ޖުމްލަ ހަތް ޓީމު ބައިވެރިވި މި ޒޯނުގެ ކުޅުން ކުރިޔަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭ ގައި ހިމެނޭ ޓީމުތަކަކީ ޖޯލި، އަލީލާ ކޮތައިފަރު، އެމެރަލްޑް މޯލްޑިވްސްގެ އިތުރުން ކުޑަފުށި ރިސޯޓެވެ. ގްރޫޕް ބީ ގައި ހިމެނުނީ ޖޯލި ބީން އާއި ކޯރާ ކޯރާ ގެ އިތުރުން ދިގަލި މޯލްޑިވްސް އެވެ.

މުބާރާތުގެ ގްރޫޕް އޭ ގައި ކުޅުނު މެޗު ކުޑަފުށިން ކާމިޔާބުކުރީ އެމެރަލްޑް މޯލްޑިވްސް އާއި ވާދަކޮށް 3-2 ގެ ނަތީޖާއަކުންނެވެ. މެޗުައި ކުޑަފުށީގެ އިބްރާޙިމް އަޒްމޫން ދެ ލަނޑު ކާމިޔާބުކުރި އިރު ދެން އެ ޓީމަށް ލަނޑު ޖަހައިދިނީ އަހުމަދު ޒިހާނެވެ. އެމެރަލްޑްގެ ދެ ލަނޑު ޖެހީ އަހުމަދު އާލިމް އާއިއަބްދުﷲ މާދިހެވެ.

ގްރޫޕް ބީ ގައި ހިމެނޭ ޖޯލި ބީން ކުޅުނު މެޗު ކާމިޔާބުކޮށްފައި ވަނީ ދިގަލި މޯލްޑިވްސް އާއި ވާދަކޮށް ވާދަވެރި ކުޅުމަކަށް ފަހު 4-3 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ ޖޯލި ބީންގެ އިސްމާއީލް ނިހާން ހެޓްރިކެއް ހެދިއިރު، ދެން އެ ޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އާސިމެވެ. ދިގަލި މޯލްޑިވްސް ކާމިޔާބުކުރި ތިން ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ފިރުޝާން، އަލީ މުހައްމަދު އަދި އަބްދުﷲ ނަބީހެވެ.

މުބާރާތުގެ ރ. އަތޮޅު ޒޯނުގެ ކުޅުން ކުރިޔަށްދާނީ އެ އަތޮޅު މީދޫ ގައެވެ. މި މުބާރާތުގެ ކުޅުން ކުރިޔަށްދާނީ އަންނަ ނޮވެމްބަރު މަހުގެ 3 ގެ ނިޔަލަށެވެ. މިއީ ރ. އަތޮޅުގައި ރިސޯޓު ލީގު ބާއްވާ ފުރަތަމަ ފަހަރެވެ.