ކުޅިވަރު

ޗެމްޕިއަން އާރްއާރްސީ ކެޓިއިރު، ވެމްކޯ އާއި ފެނަކަ ސެމީއަށް


ކުލަބު މޯލްޑިވްސް ކަޕް 2022 ގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) ބަލިކޮށް ކުލަބު ވެމްކޯ ސެމީ ފައިނަލަށް ދަތުރުކުރިއިރު، ދިވެހި ސިފައިންގެ ކުލަބު ބަލިކޮށް ޓީމު ފެނަކަވެސް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި އާރްއާރްސީގެ މައްޗަށް ވެމްކޯ ކުރިހޯދީ 5-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އާރްއާރްސީ އިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ހާފިޒް (ހާއްޕެ)އެވެ. އެކަމަކު އިސްމާއިލް ވަޖީހު (ވައްޖެ) ވަނީ ލަނޑު ޖަހާ ވެމްކޯއަށް ނަތީޖާ އެއްވަރުކޮށްފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ވައްޖެ ވަނީ އިތުރު ލަނޑެއް ޖަހާ ވެމްކޯއަށް ލީޑު ނަގައިދީފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އާރްއާރްސީގެ އަލީ ހާފިޒު ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެމްކޯއިން އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 30 ވަނަ މިނެޓުގައި ބިދޭސީ ކުޅުންތެރިޔާ އަލީ ކޮޑާޑީ ވަނީ ލަނޑު ޖަހާ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ކޮޑާޑީ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. ވެމްކޯގެ ފަސްވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ޝިޔާޙްއެވެ. މި މެޗުގައި އާރްއާރްސީން ކާމިޔާބުކުރި ތިންވަނަ ލަނޑު އެޓީމަށް މެޗުގެ 39 ވަނަ މިނެޓުަގއި ޖަހާދިނީ އިބްރާހީމް އަސްވަދު (ގަބޭ)އެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހުގެރޭ ކުޅުނު ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ސިފައިންގެ މައްޗަށް ފެނަކަ ކުރިހޯދީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ސިފައިން ރަނގަޅަށް ޑިފެންސްކޮށްގެން ކުޅުނު ނަމަވެސް މެޗުގެ 15 ވަނަ މިނެޓުގައި ހުސެއިން ޝަރީފް (އޮޮންލީ) ވަނީ ލަނޑު ޖަހާ އެ ޓީމަށް ލީޑު ނަގައިދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި ފެނަކައިން އެ ޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މެޗުގެ 38 ވަނަ މިނެޓުގައި ފެނަކައަށް ލީޑު ފުޅާކޮށްދިނީ މުހައްމަދު އައްޒާމްއެވެ. އޭގެ އެއް މިނެޓު ފަހުން އަޔާޒް އަޙްމަދު (ޢަޔާ) ވަނީ ފެނަކައިގެ ތިންވަނަ ލަނޑު ޖަހާފައެވެ. މިއީ ސިފައިންގެ ފަސް ފައުލު ހަމަވެގެން ދިން ދުރު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މި މެޗުގައި ފެނަކައިން ޖެހި ފަހު ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އޮންލީއެވެ.

މި ނަތީޖާތަކާއެކު ސެމީ ފައިނަލުގައި ވެމްކޯ ނުކުންނަން ޖެހޭނީ ވަރުގަދަ ފެނަކައާ ދެކޮޅަށެވެ.