ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިޔަށްދާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2022 ގެ ރ. އަތޮޅު މުބާރާތުގެ ގްރޫޕުގެ އޭގެ އެއްވަނައަށް ކުޑަފުށި ޖެހިލިއިރު، ގްރޫޕް ބީގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ކޯރާ ކޯރާ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ގްރޫޕް އޭ ގެ އެއްވަނައަށް ކުޑަފުށި ޖެހިލީ މި ގްރޫޕުގައި ހިމެނޭ އަލީލިއާ ކޮތައިފަރު ގެ މައްޗަށް 6-2 އިން ކުރި ހޯދައިގެންނެވެ. މި މޮޅާއެކު ކުޑަފުށި އެއްވަނައިގައި ވަގުތީ ގޮތުން އޮތީ ހަ ޕޮއިންޓާއެކު އެވެ. އެއް މެޗު މަދުން ކުޅެގެން ތިން ޕޮއިންޓާއެކު ދެވަނައިގައި އޮތީ ޖޯލި އެވެ.
ސެމީފައިނަލުގެ ފުރަތަމަ ޖާގަ ކޯރާ ކޯރާ ހޯދީ މި ގްރޫޕުގައި އެ ޓީމު ކުޅުނު ފަހު މެޗުގައި ދިގަލި މޯލްޑިވްސްގެ މައްޗަށް 4-1 އިން ކުރިހޯދައިގެންނެވެ. މި މެޗާއެކު ތިން ޓީމު ހިމެނޭ ގްރޫޕް ބީގެ މެޗުތައް ވަނީ ނިމިފައެވެ. ގްރޫޕުގެ އެއްވަނައަށް ދާ ޓީމެއް ސެމީފައިނަލުގެ ޖާގައެއް ލިބިގެންދާއިރު، މި ގްރޫޕުން ސެމީގެ ދެވަނަ ޖާގަ ލިބޭނީ ނޮކައުޓް މެޗުން މޮޅުވާ ޓީމަކަށެވެ. ނޮކައުޓް ބުރުގައި ވާދަކުރާނީ ގްރޫޕް ބީގެ ދެވަނަ އަދި ތިންވަނަ ޓީމެވެ.
ގްރޫޕް ބީ ގެ ދެވަނައިގައި ޖޯލި ބީން އޮތީ އެއްވަނައިގައި އޮތް ކޯރާ ކޯރާ އާއި އެއްވަރަކަށް ޕޮއިންޓް ލިބުނު ނަމަވެސް ފައިދާ ލަނޑުގެ ތަފާތުންނެވެ. ތިންވަނައިގައި ދިގަލި އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.
ޖުމްލަ ހަތް ޓީމު ބައިވެރިވި މި ޒޯނުގެ ކުޅުން ކުރިޔަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭ ގައި ހިމެނޭ ޓީމުތަކަކީ ޖޯލި، އަލީލާ ކޮތައިފަރު، އެމެރަލްޑް މޯލްޑިވްސްގެ އިތުރުން ކުޑަފުށި ރިސޯޓެވެ. ގްރޫޕް ބީ ގައި ހިމެނުނީ ޖޯލި ބީން އާއި ކޯރާ ކޯރާ ގެ އިތުރުން ދިގަލި މޯލްޑިވްސް އެވެ.