އެމެރިކާގެ އިޤްތިޞާދީ ދުވެލި 3 ވަނަ ކުއާޓަރުގައި ހަލުއިވެއްޖެއެވެ. މިއީ އެ ޤައުމުގެ އިޤްތިޞާދީ ދުވެލި މިއަހަރު ހަލުއިވި ފުރަތަމަ ފަހަރެވެ.
ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެމެރިކާގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް، ނުވަތަ ބޮލަކަށް ޖެހޭ މިންވަރު %2.6 އަށް އިތުރުވެފައި ކަމަށް އެ ޤައުމުގެ ކޮމާސް ޑިޕާޓްމަންޓްގެ ހިސާބުތަކުން ދައްކައެވެ. 2 ވަނަ ކުއާޓަރުގައި މިއަދަދު ހުރީ %0.6 ގައެވެ. 3 ވަނަ ކުއާޓަރުގައި ޖީޑީޕީ އިތުރުވެފައިވާއިރު، ރޮއިޓާސް ޕޯލްގެ އިޤްތިޞާދީ މާހިރު ލަފާކޮށްފައިވާ ގޮތުން 3 ވަނަ ކުއާޓަރުގައި އެމެރިކާގެ ޖީޑީޕީ އިތުރުވާނީ %2.4 އަށެވެ.
އިޤްތިޞާދީ ދުވެލި ހަލުއިވެފައިވާކަމަށް ހިސާބުތަކުން ދައްކާފައިވާއިރު، އެމެރިކާގެ އިޤްތިޞާދު މި ދަނީ ކުރިއަށް ކަމަށް އެ ޤައުމުގެ ރައީސް ޖޯ ބައިޑަން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ. ނަމަވެސް ތަކެތީގެ އަގުތައް ތިރިކުރުމަށް އަދިވެސް އިތުރަށް މަސައްކަތްކުރަން ޖެހޭ ކަމަށް އެ ބަޔާނުގައި ބައިޑަން ވިދާޅުވެފައިވެއެވެ.
ގާތްގަނޑަކަށް 2 ގަރުނަށްފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ މޯގޭޖް ރޭޓު %7 އަށް އިތުރުވެފައިވާ ކަމަށް ދިރާސާއަކުން ވަނީ ދައްކާފައެވެ. މިއާއެކު ހައުސިންގ އިންވެސްޓްމެންޓްތައް ވަނީ މަދުވެފައެވެ. މީގެއިތުރުން ޚަރަދުކުރާ މިންވަރު ދަށްވެ، ތަކެތީގެ އަގު އުފުލުމުގެ ސަބަބުންވެސް އެމެރިކާގެ އިޤްތިޞާދީ ދުވެއްޔަށް ވަނީ ހިޔަނި އެޅިފައެވެ. ނަމަވެސް 3 ވަނަ ކުއާޓަރުގެ ޖީޑީޕީ އިތުރުވެފައި ވަނީ ވިޔަފާރިތައް ރަނގަޅުވުމުން ކަމުގައި ރަސްމީ ހިސާބުތަކުން ދައްކައެވެ.
ސިނާއީ މަސައްކަތްތަކުގައި ބޭނުންކުރާ ސާމާނާއި، ތެޔޮ އެކްސްޕޯޓުކުރި މިންވަރު އިތުރުވެ، އެމެރިކާއިން ޖުމްލަ އެކްސްޕޯޓުކުރި މިންވަރުވެސް ވަނީ އިތުރުވެފައެވެ. އިންފްލޭޝަން މަތިވެ އިޤްތިޞާދީ އެތައް ގޮންޖެހުންތަކަކާއި، ވޭތުވެދިޔަ ދުވަސްތަކުގައި އެމެރިކާއަށް ވަނީ ކުރިމަތިލާންޖެހިފައެވެ.
ވޭތުވެދިޔަ 2 ކުއާޓަރުގައިވެސް އިޤްތިޞާދީ ދުވެލި މަޑުވެ 3 ވަނަ ކުއާޓަރުގައިވެސް މަޑުޖެހިއްޖެނަމަ އެމެރިކާގެ އިޤްތިޞާދު ރިސެޝަނަކަށް ހިނގައިދާނެ ކަމުގެ ބިރުވެސް އޮތީ ބޮޑުވެފައެވެ. ނަމަވެސް 3 ވަނަ ކުއާޓަރުގައި އިޤްތިޞާދީ ދުވެލި ވަނީ ހަލުއިވެފައެވެ. ވިދިވިދިގެން ދެ ކުއާޓަރުގައި އިޤްތިޞާދީ ދުވެލި މަޑުޖެހިއްޖެނަމަ އެއީ ރިސެޝަނުގެ ބިރުވެރި ސިގްނަލެއް ކަމަށް އިޤްތިޞާދީ މާހިރުން ވިދާޅުވެއެވެ.