ޚަބަރު

ޓޮޔޯޓާގެ އުފެއްދުންތައް މަދުކުރަން ނިންމާފައިވާކަން ސަޕްލަޔަރުންނަށް އަންގައިފި


މިއަހަރު އުފައްދަން އަމާޒު ހިފާފައިވާ ވެހިކަލްގެ އަދަދު 9.5 މިލިއަން ޔުނިޓަށް މަދުކުރަން ޖަޕާނުގެ އޮޓޮމޭޓިވް ކުންފުނި ޓޮޔޯޓާ އިން ނިންމައި، އެކަން އެމީހުންގެ ސަޕްލަޔަރުންނަށް އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޗިޕް ލިބުން ދަތިވުމުގެ ސަބަބުން އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ނިމޭ މާލީ އަހަރަށް އުފައްދަން މީގެކުރިން ކަނޑައަޅާފައިވާ 9.7 މިލިއަން ވެހިކަލް އުފައްދަން އުނދަގޫވެދާނެ ކަމަށް ދުނިޔޭގެ އެންމެ ބޮޑު އޮޓޮމޭޓިވް ކުންފުނި ޓޮޔޯޓާ އިން މިދިޔަ ހަފްތާ ވަނީ ބުނެފައެވެ. ނަމަވެސް އުފެއްދުންތައް މަދުކުރާނީ ކިހާ މިންވަރަކަށް ކަމެއް އެ ކުންފުނިން އޭރު ހާމައެއްނުކުރެއެވެ.

އަލަށް އުފައްދަން އަމާޒު ހިފާފައިވާ 9.5 މިލިއަން ވެހިކަލަކީ އަދިވެސް މިދިޔަ އަހަރަށްވުރެ %10 އިތުރު އަދަދެކެވެ. ނަމަވެސް އިލެކްޓްރޯ މެގްނެޓިކް ސްޓީލް ޝީޓް ލިބުން ދަތިވެއްޖެނަމަ މިއަދަދު އިތުރަށް މަދުވެދާނެ ކަމަށް ސަޕްލަޔަރުންނާއި ހަވާލާދީ މިޑިއާތަކުން ރިޕޯޓުކުރެއެވެ.

ޓޮޔޯޓާއަށް އިލެކްޓްރޯ މެގްނެޓިކް ސްޓީލް ޝީޓް ފޯރުކޮށްދެނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ޕޮސްކޯ ހޯލްޑިންގްސް އިންނެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު ކުރިމަތިވި، ތޫފާނުގައި ފެންބޮޑުވުމުގެ ސަބަބުން އެ ކުންފުނީގެ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިކަމާއި ގުޅިގެން ޓޮޔޯޓޯއިން ރަސްމީކޮށް އެއްވެސް އެއްޗެއް އަދި ހާމައެއް ނުކުރެއެވެ.

މުޅި އަހަރު އުފެއްދުމަށް އަމާޒު ހިފާފައިވާ 9.7 މިލިއަން ވެހިކަލް އުފެއްދިދާނެކަމުގެ ޔަޤީންކަން ޓޮޔޯޓާއަށް ގެއްލުނީ، މިދިޔަ އޭޕްރީލް މަހު ފެށުނު މާލީ އަހަރުގެ ފުރަތަމަ 4 މަސް ދުވަހުވެސް އަމާޒުހިފާފައިވާ މިންވަރަށްވުރެ މަދުން ވެހިކަލް އުފެއްދިފައިވުމުންނެވެ.

ޓޮޔޯޓާއިން މިދިޔަ އަހަރުވެސް ވަނީ ވެހިކަލް އުފައްދަން މުޅި އަހަރަށް އަމާޒުހިފާފައިވާ މިންވަރު މަދުކޮށްފައެވެ. އެގޮތުން 2021 ވަނަ އަހަރުގެ މެއި މަހު 9.3 މިލިއަން ވެހިކަލް އަށް މަދުކުރުމަށްފަހު 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަނީ 8.5 މިލިއަން ވެހިކަލް އަށް މަދުކޮށްފައެވެ. ޓޮޔޯޓާއިން އެ އަހަރު އުފައްދާފައި ވަނީ 8.6 މިލިއަން ވެހިކަލްއެވެ.

ކުންފުނީގެ 2 ވަނަ ކުއާޓަރުގެ މައުލޫމާތު ދިނުމުގެ ގޮތުން ވަރަށް އަވަހަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި ބައްދަލުވުމުގައި އުފެއްދުންތައް މަދުކުރުމާއި ބެހޭގޮތުންވެސް މައުލޫމާތު ދޭނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.