ކުޅިވަރު

ޓީ20 ޕްރިމިއާ ލީގު: މިލާނުގެ މޮޅުވުމުގެ ރިކޯޑު ކުރިއަށް، މާލޭ ސްޕޯޓްސްއަށް ބޮޑު މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މައިލޯ ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގައި އޮއްފު އެފްސީ ބަލިކޮށް މިލާން ކރިކެޓް އެކެޑަމީން މޮޅުވުމުގެ ރިކޯޑު ދެމެހެއްޓިއިރު، ވިޔަންސާ އަތުން މާލޭ ސްޕޯޓްސް ކުލަބު ބޮޑު މޮޅެއް ހޯދައިފިއެވެ.

ހުކުރު ދުވަހުގެ ހެނދުނު ކުޅިވަރު އެކުވެނީ އެއް ނަންބަރު ދަނޑުގައި ކުޅުނު ފުރަތަމަ މެޗު މާލޭ ސްޕޯޓްސްއިން ކާމިޔާބުކުރީ ވިޔަންސާ އަތުން 126 ލަނޑުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން ވިޔާންސާ ގަސްދުކުރީ ހޮވުމަށެވެ. އެއާއެކު މާލޭ ސްޕޯޓްސް އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 201 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 46 ބޯޅައިން 96 ލަނޑު ހެދި ފާއިޒް އަޙްމަދެވެ. ޖަވާބުގައި ވިޔާންސާ ކުޅެން އަރައި 15 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 75 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 23 ބޯޅައިން 21 ލަނޑު އެއްކުރި ކަމްރުލް އިސްލާމެވެ.

މީގެ އިތުރުން މި މުބާރާތުގައި ހުކުރު ދުވަހު ކުޅުނު ދެވަނަ މެޗުން މިލާން މޮޅުވީ އޮއްފު އެފްސީ އަތުން އަށް ވިކެޓުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން އޮއްފު އެފްސީ އެންމެ ފުރަތަމަ ކުޅެން އަރައި 20 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 135 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 31 ބޯޅައިން 41 ލަނޑު ހެދި އައްސަދު މުނީރެވެ. ޖަވާބުގައި މިލާން ކުޅެން އަރައި 18 ވަނަ އޯވަރުގައި ވަނީ ދެ ކުޅުންތެރިން ނުބައިވެގެން 136 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 38 ބޯޅައިން 54 ލަނޑު ހެދި މުޙައްމަދު އައްޒާމާއި، ނުބައިނުވެ 47 ބޯޅައިން 47 ލަނޑު އެއްކުރި އިބްރާހީމް ނަޝާތެވެ.

މި ނަތީޖާތަކާއެކު މިލާން ތާވަލުގެ އެއްވަނައށް ޖެހިލިއިރު، އެ ޓީމުން ވަނީ ކުޅުނު ހަތް މެޗުންވެސް މޮޅުވެ 21 ޕޮއިންޓް ހޯދާފައެވެ. ދެވަނައިގައި އޮތް މާލޭ ސްޕޯޓްސް އާއި ތިންވަނައިގައި އޮތް މާލޭ ވެޓެރަންސްއަށްވެސް 21 ޕޮއިންޓް ލިބިފައިވާއިރު، މިލާނަށް މުބާރާތުގައި ބާކީ ދެ މެޗު އަދި އެބައޮތެވެ.

މި މުބާރާތުގައި ހޮނިހިރު ދުވަހުވެސް ދެ މެޗެއް ކުޅޭއިރު، މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ލީގު ބުރަށްފަހު އެއްވަނައިގައި އޮންނަ ޓީމަކަށެވެ. އަދި މި މުބާރާތުން އެންމެ ގަދަ ހަތަރު ޓީމު ޓީ20 ޕްރެޒިޑެންޓްސް ކަޕަށް ކޮލިފައިވާނެއެވެ.