ކުލަބު މޯލްޑިވްސް ކަޕް 2022 ގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ އެމްޕީއެލް އާއި ކުލަބު އެޗްޑީސީން ކަށަވަރުކޮށްފިއެވެ.
ހުކުރު ދުވަހުގެރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުއާޓާ ފައިނަލުގެ ފަހު ދެ މެޗު ކުޅުނުއިރު، ފުރަތަމަ މެޗުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އެސްޓީއޯ ރެކްރިއޭޝަން ކުލަބުގެ މައްޗަށް އެމްޕީއެލުން ކުރިހޯދީ ޕެނަލްޓީގައި 5-6 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އެސްޓީއޯއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ޒިފާން އިބްރާހީމެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން އެމްޕީއެލްއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ސާދު ނިޒާރެވެ. އަދި އޭގެ ދެ މިނެޓު ފަހުން އެމްޕީއެލްއިން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ހައިޝަމް (ޗުމްޕު) އެވެ.
އޭގެ މިނެޓެއް ފަހުން އެސްޓީއޯގެ އިސްމާއިލް އީސަ (މެސީ) އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ. ނަމަވެސް މެޗުގެ 35 ވަނަ މިނެޓުގައި މުޙައްމަދު އިމްރާން ކާމިޔާބުކުރި ލަނޑާއެކު އެސްޓީއޯއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
މެޗުގެ ފުިރހަމަ ވަގުތު ހަމަވިއިރު ނަތީޖާ އެއްވަރުވެފައި އޮތުމުން ނބަޓިޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި އެމްޕީއެލް ކުރިހޯދީ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. އެ ޓީމުގެ ނާކާމިޔާބުވީ ޗުމްޕުގެ ޕެނަލްޓީ އެކަންޏެވެ.
މީގެ އިތުރުން މި މުބާޜާތުގެ ކުއާޓާ ފައިނަލް ފަހު މެޗުގައި ސްޓެލްކޯ ކުލަބުގެ މައްޗަށް އެޗްޑީސީ ކުރިހޯދީ މެޗުގެ ފަހު ސިކުންތުކޮޅު ކާމިޔާބު ކުރި ލަނޑުންނެވެ. މި މެޗު ނިމުނީ 4-3 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު އެޗްޑީސީން ނިންމާލީ ދެ ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ. އެގޮތުން މި މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި އެޗްޑީސީއަށް ލީޑު ނަގައިދިނީ އަޙްމަދު ސިޒާނެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ހިލޭ ޖެހުމަކުން އެޗްޑީސީގެ ލީޑު ފުޅާކޮށްފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ސްޓެލްކޯއިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 29 ވަނަ މިނެޓުގައި ސްޓެލްކޯގެ އިބްރާހީމް ރިމާޙް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ފަރަގު ކުޑަކޮށްފައެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ސްޓެލްކޯއަށް ނަތީޖާ ހަމަހަމަކޮށްދިނީ މުޙައްމަދު ވިލްފު ކާމިޔާބުކުރި ލަނޑުންނެވެ.
އެކަމަކު އޭގެ މިނެޓެއް ފަހުން ސްޓެލްކޯ ކުޅުންތެރިންގެ ފަސް ފައުލު ހަމަވުމުން ލިބުނު ދުރު ޕެނަލްޓީއަކުން ޝާއްޕެ ވަނީ އެޗްޑީސީއަށް އަލުން ލީޑު ނަގައިދީފައެވެ. ޝާއްޕެ މި ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ސްޓެލްކޯއިން ނަތީޖާ ހަމަހަމަކުރީ އެޗްޑީސީގެ ފަސް ފައުލު ހަމަވުމުން ލިބުނު ދުރު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ރިމާޙެވެ.
އެކަމަކު މި މެޗުގެ ފަހު ސިކުންތުކޮޅު ޝާއްޕެ ވަނީ ލަނޑެއް ޖަހައި އެޗްޑީސީ މި މެޗުން މޮޅު ކޮށްދީފައެވެ. އޭނާޤ މި ލަނޑު ކާމިޔާބުކުރީ މެޗުފގެ ފަހު ސިކުންތުގައި ލިބުނު ދުރު ޕެނަލްޓީއެއްގެ އެހީގައި، ރީބައުންސް ބޯޅައިންނެވެ.
މި ނަތީޖާއާއެކު ސެމީ ފައިނަލުގައި އެޗްޑީސީން އެމްޕީއެލްއާ ދެކޮޅަށް ކުޅޭއިރު، ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކުލަބު ވެމްކޯ އާއި ޓީމު ފެނަކައެވެ.