ކުޅިވަރު

ޖޫނިއަރ ސާފިން ޗެމްޕިއަންޝިޕް: ޗެމްޕިއަންކަން އަމީރު، ޔަސީން އަދި ކަޔާނަށް


މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން މުޅިން އަލަށް ބޭއްވި ގައުމީ ޖޫނިއަރ ސާފިން ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލަައިފިއެވެ.

ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ 14 އަހަރުން ދަށް 16 އަހަރުން ދަށް އަދި 18 އަހަރުން ދަށެވެ.

މި މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ޔޫސުފް ކަޔާންއެވެ. އޭނާ ވަނީ ދެ ކެޓަގަރީއެއްގައި ވާދަކޮށްފައެވެ. އެއީ 14 އަހަރުންދަށް އަދި 16 އަހަރުން ދަށެވެ. މި ދެ ކެޓަގަރީގެ ފައިނަލުގައިވެސް އޭނާ ވަނީ ވާދަކޮށްފައެވެ.

ޔޫސުފް ކަޔާން ޗެމްޕިއަންކަން ހޯދީ އެ އުމުރުފުރާގެ ފައިނަލް ހީޓުގައި ކަޔާން އަބްދުﷲ އަރީފް ބަލިކޮށްފައެވެ. ކަޔާން ފައިނަލް ހީޓް ކާމިޔާބު ކުރީ 15.00 ޕޮއިންޓް ހަމަކޮށްގެންނެވެ.

މި މުބާރާތުގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ޔަސީން އަޙްމަދު ނާޝިދެވެ. 16 އަހަރުން ދަށުގެ ފައިނަލް ހީޓު ޔަސީން ކާމިޔާބުކުރީ 11.67 ޕޮއިންޓް ހޯދައިގެންނެވެ، މިއީ ދެވަނައަށްދިޔަ ކަޔާންއަށްވުރެ 1.30 ތަފާތެކެވެ.

ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ، މިދިޔަ އަހަރު ބޭއްވި ގައުމީ މުބާރާތުގެ ޖޫނިއާ ޗެމްޕިއަންކަން ވެސް ހޯދި އަހުމަދު އަމީރެވެ. ޖޫނިއާ ކެޓެގަރީގައި އަމީރު ވާދަކުރާ ފަހު އަހަރު، އެންމެ ފުރަތަމަ ޖޫނިއާ ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ އެއްވަނަ އޭނާ ހޯދީ ފައިނަލް ހީޓުގައި ޝާނިފް ޝަފީގު ބަލި ކޮށްފައެވެ.

އަށާރަ އަހަރުން ދަށުގެ އުމުރުފުރާގެ ފައިނަލް ހީޓުގައި ޝާނިފްގެ މައްޗަށް އަމީރު ކުރި ހޯދީ ޖުމްލަ 10.70 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. އޭނާގެ އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ، 5.50 އަދި 5.20 ޕޮއިންޓެވެ. ޝާނިފްގެ ޖުމްލަ ސްކޯ އަކީ 9.57 ޕޮއިންޓެވެ. އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ 5.00 އަދި 4.57 ޕޮއިންޓެވެ.