ރާއްޖޭގެ އެންމެ ވާދަވެރި ޖޫނިއާ އެތްލެޓިކްސް މުބާރާތް ކަމަށްވާ އެސްޓީއޯ މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ފިރިހެން އެތްލީޓަކަށް އަހުމަދު ވިސާމް، އަދި އަންހެން އެތްލީޓަކަށް އަހުނާ ނިޒާރު ހޮވިއްޖެ އެވެ.
ގދ. ތިނަދޫގައި ކުރިޔަށްދިޔަ މި މުބާރާތުގައި ސާއިދު ސްޕޯޓްސްގެ ފަރާތުން ވާދަކުރި ވިސާމް ވަނީ މި މުބާރާތުގައި ޖުމްލަ ތިން މެޑަލް ހޯދާފައެވެ. އަދި ބްލެކް މާލިންގެ ދުވުންތެރިޔާ އަހުނާ ނިޒާރު ވަނީ މީޓް ރިކޯޑަކާއެކު ތިން ރަން މެޑަލް ހޯދާފައެވެ.
ވިސާމް ވަނީ މި މުބާރާތުގެ 19 އަހަރުންދަށުގެ އެންމެ މޮޅު އެތްލީޓުގެ މަޤާމުވެސް ހޯދާފައެވެ. އޭނާ ރަން މެޑަލް ހޯދާފައިވަނީ މުބާރާތުގެ 800، 1500 އަދި 5000 މީޓަރުންނެވެ.
މުބާރާތުގެ އެންމެ ކާމިޔާބު އަންހެން އެތްލީޓަކަށް ހޮވުނު އަހުނާ ވަނީ މިފަހަރުގެ މުބާރާތުގެ 100 މީޓަރާއި 200 މީޓަރު ދުވުމުގެ އިތުރުން ލޯންގް ޖަމްޕް އިވެންޓުން ރަން މެޑަލް ހޯދާފައެވެ. އަދި މުބާރާތުގެ 17 އަހަރުންދަށުގެ އެންމެ މޮޅު އެތްލީޓަކަށް ވެސް ހދ. ކުޅުދުއްފުއްޓަށް އުފަން އަހުނާ އެވެ.
މީގެއިތުރުން މުބާރާތުގެ ނަވާރަ އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ފަރާތުން ވާދަކުރި މަރިޔަމް ރޫޔާ އަލީއެވެ. ރޫޔާ ވަނީ ދާދިފަހުން ކުވޭތުގައި ބޭއްވި އޭޝިއާގެ 18 އަހަރުން ދަށުގެ ޔޫތު މުބާރާތުގައި 100 މީޓަރު ދުވުމުގެ އަންހެނުންގެ ޔޫތު ރެކޯޑް އާކޮށްފައެވެ. ތިނަދޫގައި ނިމުނު މި މުބާރާތުން އޭނާ ވަނީ 100 މީޓަރާއި 200 މީޓަރު އަދި ލޯންގް ޖަމްޕުން ރަން މެޑަލް ހޯދާފައެވެ.
މުބާރާތުގެ 15 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ޝަރަފުއްދީން ސްކޫލްގެ އައިޝަތު އަދުފާ ރަޝީދު މި އުމުރުފުރާގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު ނޫހު ވަލީދު އެވެ. ސަތާރަ އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒުއިޒް މުހައްމަދު ސުއާދެވެ. އަދި މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލަކަށް ހޮވުނީ ޏ. އަތޮޅު ތައުލީމީ މަރުކަޒެވެ.