ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގުގެ. ރ. އަތޮޅު މުބާރާތުގެ ގްރޫޕް ބީ އިން ސެމީފައިނަލަށް ދަތުރުކުރި ދެވަނަ ޓީމަކަށް ޖޯލި ބީން ވެއްޖެއެވެ.
މުބާރާތުގެ ސެމީފައިނަލަށް ޖޯލި ބީން ދަތުރުކުރީ ނޮކައުޓް މެޗުގައި ދިގަލި މޯލްޑިވްސް 3-1 އިން ބަލިކޮށްގެންނެވެ. ގްރޫޕް ބީ އިން ސެމީފައިނަލަށް ދެން ދަތުރުކުރީ ކޯރާ ކޯރާ އެވެ. އެއީ މި ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ.
ޖޯލި ބީން މޮޅުވި މި މެޗުގެ ދެވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާފައެވެ. ހާޝިމް ޝަފީއު މި ލަނޑު ކާމިޔާބުކުރި އިރު، އެ ޓީމުގެ ދެވަނަ ލަނޑު 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިސްމާއީލް ނިހާނެވެ. މި ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އަޒުހީން އެވެ. ދިގަލީގެ ހަމައެކަނި ލަނޑު ދެވަނަ ހާފު ފަށައިގެން ކުރީކޮޅު ކާމިޔާބުކޮށްދިނީ މުހައްމަދު މާއިސް އެވެ.
މުބާރާތުގެ ރ. އަތޮޅު ޒޯނުގެ ކުޅުން ކުރިޔަށްދަނީ އެ އަތޮޅު މީދޫ ގައެވެ. މި މުބާރާތުގެ ކުޅުން ކުރިޔަށްދާނީ މި މަހުގެ 25 އިން ނޮވެމްބަރު 3 ގެ ނިޔަލަށެވެ. މިއީ ރ. އަތޮޅުގައި ރިސޯޓު ލީގު ބާއްވާ ފުރަތަމަ ފަހަރެވެ.
ޖުމްލަ ހަތް ޓީމު ބައިވެރިވި މި ޒޯނުގެ ކުޅުން ކުރިޔަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭ ގައި ހިމެނޭ ޓީމުތަކަކީ ޖޯލި، އަލީލާ ކޮތައިފަރު، އެމެރަލްޑް މޯލްޑިވްސްގެ އިތުރުން ކުޑަފުށި ރިސޯޓެވެ. ގްރޫޕް ބީ ގައި ހިމެނުނީ ޖޯލި ބީން އާއި ކޯރާ ކޯރާ ގެ އިތުރުން ދިގަލި މޯލްޑިވްސް އެވެ.
މި ޒޯނުގެ ސެމީފައިނަލް މެޗުތައް އޮކްޓޯބަރު 31 ގައި ކުޅޭއިރު، ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައި ވަނީ ނޮވެމްބަރ 2 ގައެވެ.