ކުލަބު މޯލްޑިވްސްގެ އަންހެން ޑިވިޝަން މުބާރާތް ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލުގައި ދިވެހި ސިފައިންގެ ކުލަބާއި އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް ބައްދަލުކުރަން ޖެހިއްޖެއެވެ.
މުބާރާތުގެ ފައިނަލަށް ދިވެހި ސިފައިންގެ ކުލަބު ދަތުރުކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް ކްލަބް ވެމްކޯ 6-2 އިން ބަލިކޮށްގެންނެވެ. މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ސެމީފައިނަލުގައި ވެސް މި ދެ ޓީމު ބައްދަލުކޮށްފައި ވެއެވެ. އެ ފަހަރު ސެމީފައިނަލުގައި ސިފައިން ކެޓީ ވެމްކޯ އަތުންނެވެ.
ފައިނަލުގެ ދެވަނަ ޖާގަ އެމްޕީއެލް ހޯދީ ފެނަކަ އާއި ވާދަކޮށް ވާދަވެރި ކުޅުމަކަށް ފަހު 3-2 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމު މިއަހަރުގެ ލީގު ބުރުގައި ކުޅުނު މެޗު ކާމިޔާބުކުރީ ފެނަކައެވެ.
ސިފައިން މޮޅުވި މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ވެމްކޯ ޓީމުގެ އާމިނަތު އަރީޝާ ލަނޑެއް ޖެހި ނަމަވެސް އެ ލީޑު މާ ގިނައިރުތަކެއް ވަންދެން ހިފެހެއްޓޭ ގޮތެއް ނުވިއެވެ. ސިފައިންގެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސުމައްޔާ ވަނީ 16 ވަނަ މިނެޓުގައި އެއްވަރުކޮށްފައެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އާމިނަތު ތީބާ ވަނީ ސިފައިން ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.
ވެމްކޯ ޕްރެޝަރަށް ވެއްޓުނީ ހަތަރު މިނެޓުގެ ތެރޭގައި ސިފައިން ކާމިޔާބުކުރި ތިން ލަނޑާއެކު އެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި ސިފައިންގެ ސަބީނާ ލަނޑެއް ޖެހިއިރު އޭގެ މިނެޓެއް ފަހުން ތީބާ ވަނީ ސިފައިންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭގެ ދެ މިނެޓުފަހުން ސަބީނާ އެ ޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކުރި އެވެ. އޭގެ ތިން މިނެޓުފަހުން ވެމްކޯގެ ތަނަޕޮން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ އެންމެ ފަހުކޮޅު ސަބީނާ ވަނީ ސިފައިންގެ ފަހު ލަނޑު ކާމިޔާބުކޮށްފައެވެ.
އެމްޕީއެލް މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ނަތަމޯން އަތުކްލާ ވަނީ ދެ ލަނޑުގެ ލީޑެއްް ނަގާފައެވެ. އެއާއެކު އޭނާ ވަނީ މި މުބާރާތުގައި ޖުމްލަ 18 ލަނޑު ޖަހާފައެވެ. އަދި ލަނޑު ލިސްޓުގައި އޭނާ އުޅެނީ އެއްވަނައިގައެވެ. ފުރަތަމަ ހާފު މި ނަތީޖާގައި އޮވެ ނިމުނުއިރު، މެޗުގެ ދެވަނަ ހާފު ފަށައިގެން ލިބުނު ފުރަތަމަ ފުރުސަތުގައި އެމްޕީއެލް އިން ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފަރަހު އަހުމަދެވެ. ފަހަތުން އަރާ ފެނަކައިގެ ތައިލެންޑް ކުޅުންތެރިޔާ، ރާނީ މުލްޔަސާރީ ވަނީ ދެ ގޯލު ޖަހާފައެވެ. ނަމަވެސް އިތުރު ލަނޑެއް ނުޖެހެއެވެ.
އެމްޕީއެލް އާއި ސިފައިން ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު އެވެ. އެ މެޗު ޔެސް ޓީވީން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.