ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މައިލޯ ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގެ ޗެމްޕިއަންކަން މިލާން ކްރިކެޓް އެކެޑަމީން ހޯދައިފިއެވެ.
ބާކީ އެއް މެޗު އޮއްވައި މި މުބާރާތުގެ ޗެމްޕިއަންކަން މިލާނުން ހޯދީ ހޮނިހިރު ދުވަހު ކުޅެން އޮތް މެޗުން ކޮމެޓްސް ކްރިކެޓް ކުލަބު އަތުން މޮޅުވެގެންނެވެ. މި މެޗަށް ކޮމެޓްސްގެ ޓީމު ހަމަނުވުމާ ގުޅިގެން، އަމްޕަޔަރުން ވަނީ މިލާން މެޗުން މޮޅުވީ ކަމަށް ނިންމާފައެވެ.
މި އާއެކު ތާވަލުގެ އެއްވަނައިގައި މިލާން އޮތީ ކުޅުނު އަށް މެޗުންވެސް މޮޅުވެ 24 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މާލޭ ވެޓެރަންސް އާއި ތިންވަނައިގައި އޮތް މާލޭ ސްޕޯޓްސް ކުލަބަށް ނުވަ މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ.
މި ނަތީޖާތަކާއެކު މިލާނާއި، މާލޭ ވެޓެރަންސްގެ އިތުރުން މާލޭ ސްޕޯޓްސް ވަނީ ޓީ20 ޕްރެޒިޑެންޓްސް ކަޕަށް ކޮލިފައިވެފައެވެ. އެ މުބާރާތުގެ ޖާގައަކަށް ދެން ވާދަކުރާ އަނެއް ދެ ޓީމަކީ ހަތަރުވަނައިގައި އޮތް ވިޔަންސާ އާއި ފަސްވަނައިގައި އޮތް ސީބީއެލް ސްޕޯޓްސްއެވެ.
މީގެ އިތުރުން މި ފަހަރުގެ ލީގުގައި ހޮނިހިރު ދުވަހުގެ ހެނދުނު ކުޅިވަރު އެކުވެނީ އެއް ނަންބަރު ދަނޑުގައި ކުޅުނު މެޗުން މާލޭ ވެޓެރަންސް ވަނީ ނިއު ސްޓާ އަތުން ހަ ވިކެޓުން މޮޅުވެފައެވެ.
މި މެޗުގެ ގުރު ދިމާވުމުން ނިއު ސްޓާ އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 116 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 37 ބޯޅައިން 38 ލަނޑު ހެދި މަނޯ ގަނަސިންގެވެ. ޖަވާބުގައި މާލޭ ވެޓެރަންސް ކުޅެން އަރައި 15.3 އޯވަރުގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 118 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 43 ބޯޅައިން 54 ލަނޑު ހެދި ތަރަކަ ރުވާންއެވެ.