ލެކްނޯ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މެޕްސް ކޮލެޖުން ހޯދިއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެމްއެންޔޫ ބިޒްނަސް ސްކޫލުން ހޯދައިފިއެވެ.
ހުކުރު ދުވަހުގެރޭ އެފްއޭއެމް ޓާފް ދަނޑުގައި ކުޅުނު ފިރިހެން ޑިވިޝަނުގެ ފައިނަލް މެޕްސްއިން ކާމިޔާބުކުރީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެމްއެންޔޫ ބީއެސް 4-3 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.
މިއީ މި މުބާރާތުގެ ތަށި މެޕްސްއިން ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރު ބޭއްވި މުބާރާތްވެސް އެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.
މެޗު ފަށައިގެން އެމްއެންޔޫބީއެސްއިން ވަނީ މޮޅަށް ކުޅެ ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ. އެގޮތުން އެ ޓީމުން ޖެހި ފުރަތަމަ ދެ ލަނޑު ޖަހާދިނީ އިބްރާހީމް އާތިފްއެވެ. އަދި ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މުޙައްމަދު އަނާންއެވެ.
އެކަމަކު މެޕްސްއިން ވަނީ ފަހަތުން އަރާ ނަތީޖާ ބަދަލުކޮށްލާފައެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ޖަމްޝާދު ޖައިފަރު (ޖޭޖޭ)، އަބްދުﷲ ހިސާން، ހަނާމް އިސްމާއިލް އަދި އަލީ ޝާޒް ހިލްމީއެވެ. ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކީ މެޕްސް ކޮލެޖުގެ މަންސޫރެވެ.
މީގެ އިތުރުން ހުކުރު ދުވަހުގެރޭ ކުޅުނު އަންހެން ޑިވިޝަނުގެ ފައިނަލް މެޗުގައި އެމްއެންޔޫ ބީއެސްއިން ސީއެފްއެސް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އެމްއެންޔޫ ބީއެސްއިން ކާމިޔާބުކުރި ދެ ލަނޑުވެސް އެ ޓީމަށް ޖަހާދިނީ ފިރުޝާނާ ނަސީރެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.
މިއީ އަންހެން މުބާރާތުގެ ތަށި އެމްއެންޔޫ ބީއެސްއިން ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރު އަންހެން ޑިވިޝަނުގެ ތަށި އުފުލާލީ ކްލިކް ކޮލެޖުންނެވެ. އަދި 2019 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ އެމްއައި ކޮލެޖެވެ.