ކުޅިވަރު

ސަސުއޯލޯ ބަލިކޮށް ނާޕޮލީން ލީޑު ފުޅާކޮށްފި


އިޓާލިއަން ލީގުގައި ސަސުއޯލޯ ބަލިކޮށް ތާވަލުގެ އެއްވަނައިގައި އުޅޭ ނާޕޮލީން ލީޑު ފުޅާކޮށްފިއެވެ.

ނަޕޯލީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

ނަޕޯލީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނަޕޯލީއެވެ. މިމެޗްގައި ނަޕޯލީގެ ފޯވަޑް ވިކްޓަރ އޮސިމްހޭން ވަނީ ހެޓްރިކެއް ހަދާފައެވެ. އެގޮތުން މިމެޗްގައި ނަޕޯލީގެ ފުރަތަމަ ލަނޑު މެޗްގެ 4 ވަނަ މިނެޓްގައި ޖަހާދިނީ އޮސިމްހޭންއެވެ. އަދި މިމެޗްގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑު ޖަހާދިނީ މެޗްގެ 19 ވަނަ މިނެޓްގައެވެ. އަދި އޭނާ މިމެޗްގައި ކާމިޔާބުކުރި ތިންވަނަ ލަނޑު ޖަހާ ހެޓްރިކް ހެދީ މެޗްގެ 77 ވަނަ މިނެޓްގައި ޖަހާދިން ލަނޑުންނެވެ.

މިމެޗްގައި ނަޕޯލީގެ ހަތަރުވަނަ ލަނޑު މެޗްގެ 36 ވަނަ މިނެޓްގައި ޖަހާދިނީ ހުވިޗާ އެވެ. އަދި މިމެޗްގެ 84 ވަނަ މިނެޓްގައި ސަސުއޮލޯގެ ލޮރިއެންޓޭއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދައްކާފައެވެ.

މިކާމިޔާބީއާއެކު ނަޕޯލީއަށް މިހާރު ވަނީ ކުޅުނު 12 މެޗުން 32 ޕޮއިންޓް ލިބިފައެވެ. އަދި މިއާއެކު ނަޕޯލީއިން މިވަނީ ދެވަނައިގާ އުޅޭ އެންމެފަހުގެ ޗެމްޕިއަން އޭސީ މިލާންގެ މައްޗަށް 6 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ނަޕޯލީއިން ދަނީ 32 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިޓާލިއަން ލީގުގެ ތަށި ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންނެވެ.