ކުލަބު މޯލްޑިވްސް ކަޕް 2022 ގެ ފައިނަލުގައި ޓީމު ފެނަކަ އާއި އެމްޕީއެލް ބައްދަުކުރަން ޖެހިއްޖެއެވެ.
އާދީއްތަ ދުވަހުގެރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ވަނީ މުބާރާތުގެ ސެމީ ފައިނަލުގެ ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ކުލަބު ވެމްކޯ އަތުން ޓީމު ފެނަކަ މޮޅުވީ 5-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ފެނަކައިގެ އަޔާޒް އަޙްމަދު (އަޔާ) ވަނީ ތިން ލަނޑު ޖަހާ އެނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ފެނަކައިން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. މި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އެ ޓީމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) އެވެ.
އެކަމަކު މެޗުގެ 30 ވަނަ މިނެޓުގައި ވެމްކޯގެ އަބްދުﷲ ޝައްފާން (ޝާކާ) ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. އަދި ދެވަނަ ހާފުގައި އިބްރާހީމް މަހުދީ ހަސަން (ފޭދޫ އިއްބެ) ވަނީ ވެމްކޯއަށް އިތުރު ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ ފަހުން މި މެޗުގައި ދެ ޓީމަށްވެސް ވަނީ ލަނޑެއް ޖަހަން ދުރު ޕެނަލްޓީތަކެއް ލިބި ބޭކާރުވެފައެވެ.
މީގެ އިތުރުން މި މުބާރާތުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުން އެމްޕީއެލް މޮޅުވީ ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފައެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އެޗްޑީސީންނެވެ. މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. އަދި ދެވަނަ ހާފުގައި އެޗްޑީސީގެ ނާއިޒް ހަސަން (ދާދު) ވަނީ އެ ޓީމަށް އިތުރު ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.
އެކަމަކު މެޗުގެ ފަހު ދެ މިނެޓުގެ ތެރޭގައި އެމްޕީއެލުން ވަނީ ތިން ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 38 ވަނަ މިނެޓުގައި އަލީ ހައިސަމް (ޗުމްޕު) ލަނޑެއް ޖެހިއިރު، އޭގެ މިނެޓެއް ފަހުން އޭނާ ވަނީ އެ ޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދީފައެވެ.
އަދި އެމްޕީއެލްގެ ފަހު ލަނޑު މެޗު ނިމެން ތިން ސިކުންތަށްވެފައި ވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ގޯލްކީޕަރު އިސްމާޢީލް ފާތިހެވެ. މި ލަނޑު ބަލައިގަންނަން ރެފުރީންގެ މަޝްވަރާއާއެކު ނިންމުމާ ގުޅިގެން، އެޗްޑީސީން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ނަތީޖާގައި އޮވެ މެޗު ނިމުމާއެކު ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި އެމްޕީއެލް ކުރިހޯދީ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. އެމްޕީއެލުން ނާކާމިޔާބުވީ ސާޖިދު ރަޝީދު ފޮނުވާލި ޕެނަލްޓީ އެކަންޏެވެ. އެޗްޑީސީގެ ހުސެއިން ސުހެއިލް އާއި މުޙައްމަދު ސުޖާން އަޙްމަދު ފޮނުވާލި ޕެނަލްޓީތައްވެސް ވަނީ ނާކާމިޔާބުވެފައެވެ.
މި ނަތީޖާތަކާއެކު ފެނަކަ އާއި އެމްޕީއެލް ފައިނަލަށް ދަތުރުކުރިއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހެވެ. އެ މެޗު ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.