ޚަބަރު

ބަޖެޓް 2023 : ތަޢުލީމީ ދާއިރާއަށް މިހާތަނަށް ކަނޑައެޅި އެންމެ ބޮޑު ބަޖެޓް


ތަޢުލީމާއި މަތީ ތަޢުލީމުގެ ދާއިރާއަށް މިހާތަނަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ 2023 ވަނަ އަހަރުގެ ބަޖެޓުގައިކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ދަޢުލަތުން ހުށަހަޅާފައިވާ ބަޖެޓުގައި ތަޢުލީމީ ދާއިރާއަށް އެކަނިވެސް 4.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

2023 ވަނަ އަހަރަށް ދަޢުލަތުން ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ތޫނުފިލި އުފެއްދުންތެރި ޢިލްމީ ޖީލެއް ބިނާކުރުމަކީ މިސަރުކާރުން ކުރާ އެންމެ ބޮޑު އެއް އިންވެސްޓްމެންޓުކަމަށެވެ. އަދި ސަރުކާރުގެ ދިގުރާސްތާގެ އަމާޒަކީ އަމިއްލަ ފަސްގަނޑުގައި ތިބެގެން ފެންވަރު ރަނގަޅު ތަޢުލީމެއް ހޯދޭނެ މަގު ކޮންމެ ދަރިވަރަކަށްވެސް ފަހިކޮށްދިނުންކަމަށެވެ.

އެގޮތުން ތަޢުލީމާއި، މަތީ ތަޢުލީމުގެ ދާއިރާއަށް މިހާތަނަށް ދެވޭ އެންމެ ބޮޑު ޖާގަ ކަނޑައަޅާފައިވާނީ އަންނަ އަހަރުގެ ބަޖެޓުގައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"4.6 ބިލިއަން ރުފިޔާ މި ދާއިރާއަށް ކަނޑައެޅިފައިވާނެ. މީގެ ތެރޭގައި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ ސަބަބުން އިތުރުވި 636.2 މިލިއަން ރުފިޔާ ހިމަނާފައިވާނެ. މިއީ ދިވެހިން އެދޭގޮތަށް، ދިވެހިންގެ އަތްމަތިން، ދިވެހި ޤައުމު ބިނާކޮށް އާރާސްތު ކުރުމަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއް" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ ބަޖެޓުގައި ތަޢުލީމީ ދާއިރާގެ އިމާރާތާއި ވަސީލަތްތައް ޤާއިމްކުރުމަށްޓަކައި 142 ރަށެއްގައި، 195 މަޝްރޫޢެއް 2023 ވަނަ އަހަރު ހިންގުމަށް ރާވާފައިވެއެވެ. މީގެތެރޭގައި 21 ރަށެއްގެ ސްކޫލްތަކުގެ އިމާރާތާއި ވަސީލަތްތައް ތަރައްގީކުރުމުގެ އައު މަޝްރޫއުތައް ހިމެނެއެވެ. އަލަށް އާބާދުވާ ސަރަހައްދުތަކުގައި މުޅިން އަލަށް ގާއިމްކުރެވޭ ސްކޫލްތަކާއި، ހުޅުމާލޭގެ ފޭސް 2 ގައި ގާއިމްކުރެވުނު ވަގުތީ ސްކޫލްތަކުގެ ބަދަލުގައި އަންނަ އަހަރު ދާއިމީ ސްކޫލްތައް ގާއިމްކުރެވިގެންދާނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ވީހާވެސް ގިނަ ދަރިވަރުންނަށް ތަނަވަސްކޮށް ދިނުމަށްޓަކައި ހިލޭ ޑީގްރީ ޕްރޮގްރާމަށް 166.7 މިލިއަން ރުފިޔާ 2023ގެ ބަޖެޓުގައި ހިމަނާފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ، މަތީ ތަޢުލީމު ހާސިލުކުރުމަށް ކުދިންނާއި މައިންބަފައިން ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ހުޅުވާލާފައިވާ ލޯނު ސްކީމް އަންނަ އަހަރުވެސް ކުރިއަށްދާނެކަމަށެވެ.

"މަތީ ތަޢުލީމު ހާސިލުކުރުމަށް ކުދިންނާއި މައިންބަފައިން ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ހުޅުވާލާފައިވާ ލޯނު ސްކީމް އަންނަ އަހަރުވެސް ކުރިއަށްދާނެ. އެކަމަށް 216.1 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާނެ. އަދި ޖުމްލަކޮށް ބަލާއިރު މަތީ ތައުލީމަށް އަމާޒުކުރެވޭ 856.6 މިލިއަން ރުފިޔާ މިބަޖެޓްގައި ހިމެނޭނެ" ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، މިއަހަރުގެ މޭމަހުން ފެށިގެން ހިނގަމުންދާ ޕޭ ހާމަނައިޒޭޝަންގެ އިންޤިލާބީ ހެޔޮ އަސަރު ތަޢުލީމީ ދާއިރާއަށް ކުރަމުންދާކަމަށެވެ. އަދި މިއީ ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރުމަށް އެޅުނު ބިންގަލެއްކަމަށާއި، ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމަކީ ތައުލީމީ ޖީލެއް ބިނާކުރުމުގެ އެއް އަސާސްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް މިގެނައި ބަދަލަކީ، ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި ޓީޗަރުންނަށްވެސް ލިބޭނެ އިތުރު ބާރަކަށްވެގެންދާނެކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މި ސަރުކާރުން ތަޢުލީމީ ދާއިރާއަށާއި، މަތީ ތަޢުލީމީ ދާއިރާށް އަމާޒުކޮށް ހިންގާ މަޝްރޫޢުތަކާ، ކުރާ މަސައްކަތްތަކަކީ ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމު ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި، އެމީހުންގެ ދިރިއުޅުން އަމިއްލައަށް ބައްޓަންކުރާ ޤަދަރުވެރި ބަޔަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.