ކުޅިވަރު

މިލާން ބަލިވުމުން އެޓަލަންޓާއަށް ބޮޑު ފައިދާއެއް


އިޓާލިއަން ލީގުގައި އޭސީ މިލާން ކުޅުނު މެޗުން ބަލިވުމުގެ ފައިދާ ނަގައި، އެމްޕޯލީ އަތުން މޮޅުވެ އެޓަލަންޓާ ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

އޭސީ މިލާނު ބަލިވެފައިވަނީ ޓޮރީނޯ އަތުން 2-1 ގެ ނަތީޖާއަކުންނެވެ. އަދި އެޓަލަންޓާ ދެވަނައަށް ޖެހިލީ އެމްޕޯލީ އާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މީގެއިތުރުން ނާޕޮލީ އަށްވެސް ވަނީ މީގެ ސަބަބުން ފައިދާވެއެވެ.

ތާވަލުގެ އެއްވަނައިގައި ނާޕޮލީ އޮތީ ފަސް ޕޮއިންޓުގެ ތަފާތަކާއެކު އެވެ. އެއީ ކުޅުނު 12 މެޗުން ލިބުނު 32 ޕޮއިންޓާއެކު އެވެ. ތާވަލުގެ ދެވަނައިގައި އެޓަލަންޓާ އޮތީ ކުޅުނު 12 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ. އަދި ތިންވަނައިގައި މިލާން އޮތީ ކުޅުނު 12 މެޗުން 26 ޕޮއިންޓް ލިބިގެންނެވެ.

ޓޮރިނޯ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅުގައި ދެ މިނެޓުގެ ތެރޭ ޓޮރިނޯ އިން ދެ ގޯލު ޖެހުމެވެ. ޓޮރިނޯގެ ފުރަތަމަ ލަނޑު 35 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ ކޯފީ ޖިޑްޖީ އެވެ. އޭގެ ދެ މިނިޓް ފަހުން، އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން އަލެކްސޭ މިރަންޗުކް ވަނީ ޓޮރިނޯގެ ލީޑު ފުޅާކޮށްދީފަ އެވެ.

އޭސީ މިލާނުގެ ހަމައެކަނި ލަނޑު މި މެޗުގައި ފެނިގެންދިޔައީ 67 ވަނަ މިނެޓުގައެވެ. ޓޮރީނޯގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޫނިއާ މެސިއަސް އެވެ.

އެޓަލަންޓާ މޮޅުވި މެޗުގައި އެ ޓީމަށް ލީޑު ނަގައިދިނީ ހަންސް ހަޓެބޯ އެވެ. އަދި ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޑެމޯލާ ލުކްމަން އެވެ.