ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ ރިސޯޓް ލީގުގެ ރ. އަތޮޅު ޒޯނުގެ ފައިނަލަށް ޖޯލި ބީން އާއި ކޯރާ ކޯރާ މޯލްޑިވްސް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ ޖާގަ ޖޯލި ބީން ހޯދީ ކުޑަފުއްޓާއި ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 ގެ ނަތީޖާގައި އޮތުމުން ޕެނަލްޓީގައި 6-4 އިން ކުރި ހޯދައިގެންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ ޖޯލި ބީން އެވެ. މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިރުފާން މުހައްމަދެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ކުޑަފުށީގެ މުހައްމަދު އާސިފް ނަތީޖާ ހަމަހަމަކުރި އިރު މި ލަނޑު ޖެހިތާ ދެ މިނެޓު ފަހުން އޭނާ ވަނީ ކުޑަފުއްޓަށް ލީޑު ނަގައިދީފައެވެ. ނަމަވެސް މެޗު ނިމެން ހަތަރު މިނެޓަށްވެފައި ވަނިކޮށް ރުޝްދާން އަބްދުލް ޝުކޫރު ވަނީ ޖޯލި ބީން ގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އެއާއެކު ދެން ޖެހީ ޕެނަލްޓީއެވެ.
ޕެނަލްޓީގައި ޖޯލި ބީންގެ ހަތަރު ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެވެ. ކުޑަފުށީގެ ހަތަރު ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ކެޕްޓަން އަހުމަދު ސައީދު މުހައްމަދު އާސިފްގެ ޕެނަލްޓީއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޖޯލި ބީންގެ މަހްމޫދު ޝިފާއު އެވެ.
މުބާރާތުގެ ފައިނަލަށް ކޯރާ ކޯރާ ދަތުރުކުރީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ޖޯލި އާއި ވާދަކޮށް 3-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ކޯރާ ކޯރާގެ މުހައްމަދު އަޖުވަދު އާދަމް ލީޑު ނެގިއިރު، އެ ޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ އޭނާ އެވެ. އަދި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ގޯލްކީޕަރު މުހައްމަދު ނިޒާމެވެ.
ޖުމްލަ ހަތް ޓީމާއެކު ރ. އަތޮޅުގައި އަލަށް ބޭއްވި ރިސޯޓް ލީގުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައި ވަނީ ބުދަ ދުވަހުގެ ހަވީރު އެވެ. މި މެޗު ކުޅޭނީ ރ. މީދޫގައެވެ.