ޚަބަރު

ޖިންސީ ގޯނާގެ މައްސަލަ ސާބިތުވެ ދާންދޫ އިސްމެޖިސްޓްރޭޓް މަޤާމުން ވަކިކުރަނީ


ޖިންސީ ގޯނާގެ މައްސަލައެއް ސާބިތުވެ، ދާންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމާއި ގުޅޭ ގޮތުން ހުށަހެޅުނު 22 މައްސަލައެއް ތަހުގީގުކޮށްފައިވާކަމަށެވެ. 22 މައްސަލައިގެ ތެރެއިން ތެރެއިން 20 މައްސަލަ ނިންމާފައި ވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއް ހިނގާފައިވާކަން ސާބިތު ނުވާ ކަމަށެވެ. ނަމަވެސް އަނެއް 2 މައްސަލައިގައި ވަނީ ސުލޫކާ ޚިލާފުވެފައިވާކަން ސާބިތުވެފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

މި ގޮތުން، ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކާމެދު އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ޖިންސީ ގޯނާގެ އަމަލެއް ހިންގާފައިވާކަން ސާބިތުވެފައިވެއެވެ. އަދި ކޯޓުގެ ރަސްމީ ގަޑީގައާއި އެ ނޫންވެސް ވަގުތުތަކުގައި އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމް ވިޔަފާރީގައި ޢަމަލީ ގޮތުން ހަރަކާތްތެރިވެފައިވާކަމާއި، މި މައްސަލާގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވަން ލުއައްޔު އިބްރާހީމް މަސައްކަތްކުރިކަން ސާބިތުވެފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

ލުއައްޔު އިބްރާހީމްގެ މައްޗަށް ސާބިތުވި ކަންކަމަކީ، ދިވެހިރާއްޖާގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި، ޚިލާފު ޢަމަލުތަކަކަށްވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.