ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވެންސް ގިންތިކޮށް، އުޞޫލަށް ބަދަލުގެންނަނީ


ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަން އަންނަ އަހަރުން ފެށިގެން ގިންތި ކޮށްގެން ދިނުމަށްޓަކައި އުސޫލު ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ވަނީ އެހެނިހެން އެހީތަކުގެ ގޮތުގައި ދެވޭ ފައިސާގެ ތެރޭގައި އެންމެ ބޮޑީ ސީދާ ގޮތެއްގައި އާންމު ފަރުދުންނަށް ދެމުން އަންނަ އެހީތަކުގެ ހިއްސާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ނުކުޅެދޭ ފަރާތްތަކަށް ދޭ އެހީގެ ފައިސާ އާއި އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އެހީގެ ގޮތުގައި ދޭ ފައިސާ، 2014 ވަނަ އަހަރުން ފެށިގެން އެއް މިންވަރެއްގައި ވަނީ ހިފަހައްޓާފައެވެ. ނަމަވެސް މިއަހަރާ އަޅާބަލާއިރު، އަންނަ އަހަރުގެ ބަޖެޓުން މި ބަޔަށް ކުރެވޭ ހޭދަ %6 އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިބަދަލުގެ ސަބަބުން، އެލަވަންސްތައް ދެމުން ގެންދާނީ އޭގެ އެންމެ ހައްގު ފަރާތްތަކަށް އެކަށޭނެ މިންވަރެއްގައި ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 42.608 ބިލިއަން ރުފިޔާގެ ބަޖެޓުގައި އިޖުތިމާއީ ރައްކާތެރިކަމަށް 3.91 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރެއިން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީ ދިނުމަށް 341 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މީގެ ކުރިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދެމުން އައީ 2000 ރުފިޔާގެ އެލަވަންސެކެވެ. ނަމަވެސް ރާއްޖޭގެ އާބާދީގައި ތިބި 36000 އަށްވުރެ ގިނަ ނުކުޅެދުންތެރިކަމުގެ އެކި ޙާލަތު ކުރިމަތިވެފައިވާ މީހުންނަށް ސަރުކާރުން ދެއްވަމުން ގެންދަވާ އިނާޔަތްތައް ބޮޑުކުރުމަށް ނިންމަވާފައިވާކަން މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްވި ރިޔާސީ ބަޔާނުގައ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ޢިއުލާންކުރެއްވިއެވެ.

މީގެ އިތުރުން 2019 ވަނަ އަހަރު ވަޒީރުންގެ މަޖިލީހުން ވަނީ އެކަނިވެރި މައިންނާއި ބަފައިންނަށް މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ ޢަދަދު 10،000 ރުފިޔާއަށް އިތުރުކުރުމަށް ނިންމަވާފައެވެ. މީގެކުރިން އެހީގެ މިންވަރު ކަނޑައަޅާފައިވަނީ ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ހިސާބު ކުރުމަށްފަހު މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން 3000 ރުފިޔާ ލިބޭގޮތަށެވެ. މިއާއެކު ވޭތުވެދިޔަ އަހަރު އެކަނިވެސް އެކަނިވެރި މައިންނާއި ބަފައިންނަށް 62 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.