ކުޅިވަރު

ކޯޗާ ނުލައި ފައިނަލަށް ދެވުނީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން: މުއާޒް


ކޯޗާ ނުލައު ކުލަބު މޯލްޑިވްސްގެ އަންހެން ޑިވިޝަން ކަމަަށްވާ 18/30 ފުޓްސަލް ފިއެސްޓާގެ ފައިނަލާ ހިސާބަށް ދަތުރުކުރެވުނީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށް އެމްޕީއެލްގެ މެނޭޖަރު މުޙައްމަދު މުއާޒް ބުނެފިއެވެ.

ސެމީ ފައިނަލްގައި ފެނަކަ ބަލިކުރުމަށްފަހު ވާހަކަ ދައްކަމުން މުއާޒް ބުނީ، ކޯޗު އަޙްމަދު ވިސާލް މާލޭގައި ނެތުމުން ކުޅުންތެރިން އިތުރަށް މަސައްކަތް ކުރި ކަމަށެވެ. ކޯޗު ރާއްޖޭގައި ނެތް ކަމުގައިވިޔަސް މެޗުތަކުގެ ތެރެއިންވެސް ފޯނުން ގުޅައި އިރުޝާދު ދެމުން އަންނަ ކަމަށާއި، އެކަން އެމްޕީއެލް ޓީމުން ފާހަގަކުރާ ކަމަށެވެ.

މި މުބާރާތުގެ ފައިނަލާއި ހިސާބަށް ނުކުންނައިރު، ކުޅުންތެރިންގެ މަސައްކަތު ރޭޓު އެއީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އެމްޕީއެލްގެ އަމާޒަކީ ހަތަރުވަނަ ތަށި ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން ކަމަށް މުއާޒް ބުންޏެވެ. މުއާޒް ބުނީ ފައިނަލް މެޗު ފަސޭހަ ނުވާނެ ކަމަށާއި، އެކަމަކު ކުޅުންތެރިން މަސައްކަތްކޮށްފި ނަމަ އެއީ ކާމިޔާބު ނުވާނެ ކަމެއް ނޫން ކަމަށެވެ.

މި ފަހަރުގެ މުބާރާތުގެ ލީގު ބުރުގައި އެމްޕީއެލުން ވަނީ ފަހަތުން އަރައި ސިފައިންގެ ކުލަބް ބަލިކޮށްފައެވެ.

އެމްޕީއެލްއަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެންމެ ފަހުން މި މުބާރާތް ބޭއްވި ތިން ފަހަރުގެ ޗެމްޕިއަނުންނަކީވެސް އެ ޓީމެވެ.

ފައިނަލުގައި އެމްޕީއެލުން ނުކުންނާނީ ސިފައިންގެ ކުލަބާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައެވެ. އެ މެޗު ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.