ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލް ބިނާކުރުމަށް "އަރުތަ" ޕްރޮގްރާމުގެ ނަމުގައި ޚައްސަ ޕްރޮގްރާމެއް ރަސްމީކޮށް ފެށުމަށް ނިންމާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
މި މަހު ލޯންޗު ކުރުމަށް މަސައްކަތް ކުރަމުން އަންނަ "އަރުތަ" ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކުޅިވަރުތަކުގެ ޒުވާން ކުޅުންތެރިންނަށް ރާއްޖެއިން ބޭރަށް ތަމްރީނު ހެދައި އެ ކުޅިވަރަކުން ކުރިއަށް ދިޔުމަށް ފުރުސަތު ފަހުކޮށްދޭ ޕްރޮގްރާމެކެވެ.
ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ ރަސްމީކޮށް މި މަހު މި ޕްރޮގްރާމް ލޯންޗު ކުރުމާއެކު ހަރުދަނާ އުސޫލެއްގެ ދަށުން ކުޅިވަރުގައި ކުރިއަރަމުން އަންނަ އެތުލީޓުންނަށް ގައުމުން ބޭރުގައި ތަމްރީނު ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ، މިހާތަނަށް ސަރުކާރުގެ އެހީގައި ގައުމުން ބޭރުގައި ތަމްރީނު ހެދި އެތުލީޓުން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައި ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ރަނޣަލު ކުރަންވީ ކަންކަމަށް ފޯކަސް ކޮށްގެން ކުރިއަށްދެވިއްޖެ ނަމަ އެތުލީޓުންނާއި ކުޅިވަރަށްވެސް ކާމިޔާބު ހޯދޭނެ ކަމަށެވެ.
ރަސްމީ ސިފައެއްގައި މި ޕްރޮގްރާމް އަދި މިހާތަނަށް ލޯންޗު ކޮށްފައި ނުވި ނަމަވެސް މިހާރުވެސް އަންނަނީ ބައެއް އެތުލީޓުން ސަރުކާރުގެ ހަރަދުގައި ރާއްޖޭން ބޭރުން ތަމްރީނު ހަދަމުންނެވެ. އޭގެ ތެރޭގައި ޓޭބަލް ޓެނިސް، ޓެނިސް އަދި އެތުލެޓިކްސްގެ ޒުވާން އެތުލީޓުން ހިމެނެއެވެ.