ޚަބަރު

ދަޢުވާނުކޮށް ބަންދުގައި 3 މަސް ބެހެއްޓޭގޮތަށް ޤާނޫނަށް އިސްލާހު ގެންނަން ކޮމިޓީން ފާސްކޮށްފި


ފުލުހުން ތަހުގީގު ކުރަމުންދާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުން 3 މަސްދުވަހު ބަންދުގައި ބޭއްތިއްބޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފިއެވެ.

ޖިނާއީ އިޖުރާތު ޤާނުނަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހު ދިރާސާކުރެއްވި ޖުޑީޝަރީ ކޮމެޓީން ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ. ކޮމެޓީން ބިލު ދިސާރާ ކުރެއްވިއިރު، ފުުލުހުންނާއި، ޕީޖީ އޮފީހާއި، ޖޭއެސްސީގެ އިތުރުން ހިއުމަންރައިޓްސް ކޮމިޝަންގެ މަޝްވަރާ ހޯދާފައިވެއެވެ.

ބިލަށް ގެނައި އެންމެ މުހިމު އިސްލާހަކީ ފުލުހުން ތަހުގީގް ކުރަމުންދާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހާގެ ބަންދާމެދު މިހާރު ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ބަދަލު ގެނައުމެވެ. މިހާރު ޤާނޫނުގައި ބުނާގޮތުން ޖިނާއި ބޮޑެތި މައްސަލަތަކުގައި މީހަކު ބަންދުގައި ބެހެއްޓޭނީ 75 ދުވަހަށެވެ. ނަމަވެސް ޤާނޫނަށް މިހާރު ގެނެސްފައިވާ ބަދަލާއިއެކު 90 ދުވަހަށް އެމީހަކު ބަންދުގައި ބެހެއްޓުމުގެ ފުރުސަތު ފުލުހުންނަށް ލިބިދީފައިވެއެވެ.

ޖިނާއީ ބޮޑެތި ކުށްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މީހާގެ ތަހުގީގް ދިގު ދަންމަން ފުލުހުން ބޭނުންވާނަމަ ތަގުގީގުގެ މުއްދަތު 60 ދުވަހަށް އިތުރު ކުރުމަށްވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ. މިހާރު ޤާނޫނުގައި އޮންނަނީ 45 ދުވަހުގެ މުއްދަތެކެވެ.

މީގެ އިތުރުން ޤާނުނަށް ގެންނަން ކޮމެޓީން ފާސްކުރި އިސްލާހުތަކުގެ ތެރޭގައި ހައިކޯޓަށް ހުށަހެޅޭ ބައެއް މައްސަލަތައް އެންމެ ފަނޑިޔާރަކަށްވެސް ބެލޭނެ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. ކޮމެޓީގެ މިނިންމުމުގައި ބުނެފައިވަނީ ދަށު ކޯޓުން ހުށަހަޅާ ބައެއް މައްސަލަތަކުގައި އެއް ފަނޑިޔާރަށްވެސް މައްސަލައާ މެދު ގޮތެއް ކަނޑައެޅިދާނެ ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ދަށު ކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ ކުރިން ހުށަހެޅުން ހުށަހަޅާ މަރުހަލާގައި އެ ކޯޓަކުން ނިންމާ ނިންމުންތަކާއި ޝަރީއަތުގެ މަރުހަލާގައި ކޯޓަކުން ނެރެފައިވާ އަމުރެއްގެ އިސްތިއުނާފީ މައްސަލަތައް ކަމަށްވެސް ބުނެފައިވެއެވެ.

ޖިނާއީ އިޖުރާތު ޤާނޫނުގައި ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި 11 ކުށެއް ވަނީ މީގެ ކުރިން ކަނޑައަޅާފައެވެ. ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކުށްތަކުގެ ތެރޭގައި ހިމެނެނީ މީހަކު މެރުމުގެ ކުށް، ރޭޕްކުރުމުގެ ކުށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް، ޓެރަރިޒަމްގެ ކުށްތައް، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް، ޓްރެފިކްކުރުމުގެ ކުށް، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް، ލައްކައަކަށްވުރެ މަތީގެ ފައިސާގެ ޢަދަދު ހިމެނޭ ކުށް، ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް، އަދި ރިޝްވަތުގެ ކުށާއި ކޮރަޕްޝަންގެ ކުށެވެ.