ޚަބަރު

ޑަބްލިއުޑީސީގެ ބައި-އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވަން ފާސްކޮށްފި


އަންހެންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަންސް އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އަވަސްއަވަހަށް އިސްތިއުފާދެއްވާތީ، ކައިރިކައިރީގައި ގިނަ ބައި-އިލެކްޝަންސްތައް ބާއްވަން ޖެހުމަކީ ބޮޑު ޚަރަދެއް ހިނގާކަމެއްކަން އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ވަނީ ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މިކަމަށް ހައްލެއް ގެނައުމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހުތައް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެއެވެ. ބިލު ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީންނެވެ. ކޮމެޓީން ބިލު ފާސްކުރިގޮތަށް ތަޅުމުން ފާސްކޮށްފައިވަނީ 34 މެމްބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ 2 މެމްބަރުންނެވެ.

މިހާރު ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގައި، އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދީފިނަމަ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހެއެވެ.


އެކަން ބަދަލުކޮށް، ޤާނޫނަށް ގެނައި އިޞްލާހުގައި ވަނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބެއް ބާއްވަން ޖެހިއްޖެނަމަ ހާލަތުގައި 365 ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށެވެ. އަދި ދެ ބައި އިލެކްޝަނެއްގެ ދެމެދުގައިވާ މުއްދަތު 365 ދުވަހަށްވުރެ ދިގު އަދި 300 ދުވަހަށްވުރެ ކުރުވެގެން ނުވާނެކަމަށްވެސް ފާސްކުރި އިސްލާހުގައި ބުނެފައިވެއެވެ.

ގާތް ގާތުގައި އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބު ބާއްވަންޖެހުމަކީ އިލެކްޝަންސް ކޮމިޝަނުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެކެވެ. ކައުންސިލްތަކާއި، އަންހެނުންގެ ކޮމެޓީތަކަށް މެމްބަރުން އިންތިޚާބުވިފަހުން ފާއިތުވި ދެ އަހަރު ތެރޭގައި ބޭއްވުނު އިންތިޚާބުތަކަށް 3.7 މިލިޔަން ރުފިޔާ ޚަރަދު ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ހާމަކުރައްވާފައިވެއެވެ.

ނަމަވެސް ޤާނޫނަށް މިގެނައި މިއިސްލާހު ރައީސް ތަސްދީގުކޮށް ޢަމަލުކުރަން ފެށުމުން އިންތިޚާބުތަކަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ވިދާޅުވެފައެވެ.