ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2022 ގެ ރ. އަތޮޅު ޒޯނުގެ ޗެމްޕިއަންކަން ޖޯލި ބީންއިން ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ޖޯލި ބީން ހޯދީ ރ. މީދޫގައި ބުދަ ދުވަހުގެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ކޯރާ ކޯރާގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ކޯރާ ކޯރާއިން ފެށުން ރަނގަޅުކުރި ނަމަވެސް ޖޯލި ބީންއިން ވަނީ ފަހުކޮޅު އުފެއްދި ހަމަލާތަކުން މެޗު ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ ފައިނަލް މެޗަށްފަހު މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ވަނީ އެވޯޑު ހަވާލުކޮށްފައެވެ. މި މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޖޯލި ބީންގެ ޖޯޒީ ނަމްބަރު ނުވައެއް އިސްމާއިލް ނިހާން އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާގެ އިތުރުން އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ އިސްމާއިލް ނިހާނެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ޖޯލި ބީންގެ، ހާޝިމް ޝަފީއު، މުޙައްމަދު ޝިފާއު، އިރުފާން މުޙައްމަދުގެ އިތުރުން ކޯރާކޯރާގެ މުހައްމަދު އަޖުވަދު އަދި މުހައްމަދު މުނައްވަރު އެވެ. މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޖޯލި ބީންގެ ކޯޗު މުހައްމަދު ފުހައިދު އެވެ.
މުބާރާތުގައި ރ. އަތޮޅުގެ ހަތް ރިޒޯޓަކުން ވާދަކޮށްފައިވެއެވެ. މިއީ ރިޒޯޓު ލީގު ރ. އަތޮޅުގައި ބޭއްވި ފުރަތަމަ ފަހަރެވެ.