ކުލަބު މޯލްޑިވްސްގެ އަންހެން ޑިވިޝަން މުބާރާތް ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް ބޮޑު ތަފާތަކުން ބަލިކޮށް ދިވެހި ސިފައިންގެ ކުލަބުން ޗެމްޕިއަންކަން ހޯދައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗު ސިފައިން ކާމިޔާބުކުރީ 10-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ސިފައިން ވަނީ ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ. އެ ޓީމުން ޖެހި ފުރަތަމަ ދެ ލަނޑު ކާމިޔާބު ކޮށްދިނީ ފާތިމަތު ތީބާއެވެ. އަދި ތިންވަނަ ލަނޑު ޖަހާދިނީ ކެޕްޓަން އާމިނަތު ޒާހިޔާއެވެ. އެކަމަކު މެޗުގެ 17 ވަނަ މިނެޓުގައި އެމްޕީއެލުން ވަނީ ލަނޑު ޖަހައި ފަރަގު ކުޑަކޮށްފައެވެ. ސިފައިންގެ ޓީމުގެ ފަސް ފައުލު ހަމަވެގެން ދިން ދުރު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކީޕަރު ސުކްސެންއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އެމްޕީއެލްއަށް ވަނީ އިތުރު ޕެނަލްޓީއެއްވެސް ލިބިފައެވެ. އެކަމަކު ސުކްސެން ފޮނުވާލި ދެވަނަ ޕެނަލްޓީ ސިފައިންގެ ޓީމުގެ ގޯލްކީޕަަރު ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ސިފައިން ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުގެ ބަންގްލަދޭޝްގެ ކުޅުންތެރިޔާ ސަބީނާ ޚަތުން ވަނީ ތިން ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި ތީބާވެސް ވަނީ މި ހާފުގައި އިތުރު ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މި މެޗުގަައި ސިފައިންގެ ޓީމުން ދެން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ މަރިޔަމް ރިފާ އަދި ސުމައްޔާއެވެ.
މި ފަހަރުގެ މުބާރާތުގެ ފައިނަލުން އެމްޕީއެލް ބަލިވިއިރު، އެ ޓީމުން ވަނީ އެންމެ ފަހުން ބޭއްވި ތިން މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ. އަދި މި އަހަރުގެ މުބާރާތާއެކު ސިފައިންގެ ކުލަބުންވެސް ތިން ފަހަރު މި މުބާރާތް ކާމިޔާބުކުރިއިރު، މީގެ ކުރިން އެ ޓީމުން ޗެމްޕިއަންކަން ހޯދާފައިވަނީ 2013 އަދި 2014 ވަނަ އަހަރެވެ.
މި ފަހަރުގެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އެމްޕީއެލްގެ ފާތިމަތު ޝާލިޔާ އާއި، އެ ޓީމުގެ ނަޓަމޮން އާއި، ސިފައިންގެ ކުލަބުގެ ސުމައްޔާ އާއި ސަބީނާގެ އިތުރުން ގޯލްކީޕަރު ސާއިގާ ހަސަނެވެ. މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ސިފައިންގެ ކުލަބުގެ އަޙްމަދު ތޯހާ ހޮވުނުއިރު، މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ސިފައިންގެ ކުލަބުގެ ސަބީނާއެވެ.