ކުޅިވަރު

ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕުގެ ކުޅުން ފަށައިފި


މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022" ކުޅުން ފަށައިފިއެވެ.

މި މުބާރާތް ބުރާސްފަތި ދުވަހު ފެށިގެންދިޔައީ ދެވަނަ ޑިވިޝަންގެ މެޗުތަކުންނެވެ. އެގޮތުން ބުރާސްފަތި ދުވަހު ދެވަނަ ޑިވިޝަންގެ 73 މެޗެއް ކުރިއަށްދިޔައެވެ. އަދި ދެވަނަ ޑިވިޝަންގެ އިތުރުން އަންހެން ޑިވިޝަން އަދި ފިރިހެން ފުރަތަމަ ޑިވިޝަންގެ މެޗުތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ 18 ގެ ނިޔަލަށް ކުރިއަށްގެންދާ ގައުމީ ބިލިއާޑް މުބާރާތުގައި ހަ އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޓީމު އިވެންޓާއި، ފިރިހެން ފުރަތަމަ ޑިވިޝަނާއި، ފިރިހެން ދެވަނަ ޑިވިޝަނާއި، އަންހެން ޑިވިޝަނާއި، ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.

މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކުލަބަކުން ވާދަކުރެއެވެ. އެއީ 2021 ވަނަ އަހަރު ގެ ޓީމު އިވެންޓް ޗެމްޕިއަން ުލަބު އީގަލްސް އާއި، ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި، އައިލޭންޑާސް ހޯޕް ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ދިވެހި ސިފައިންގެ ކުލަބެވެ.

މި ފަހަރުގެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިން ވާދަކުރާއިރު، ފިރިހެން ދެވަނަ ޑިވިޝަނުގައި 51 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަދި އަންހެން ޑިވިޝަނުގައި ހަތް ކުޅުންތެރިޔަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 35 ޕެއާ ވާދަކުރާއިރު، މިކްސް ޑަބްލްސްގައި 10 ޕެއާ ވާދަކުރެއެވެ.

ބުރާސްފަތި ދުވަހު ކުޅުނު ފުރަތަމަ ޑިވިޝަންގެ މެޗުތަކުގެ ތެރޭގައި ގައުމީ ރޭންކިންގެ އެއްވަނައިގަ އޮތް މުޙައްމަދު ޝަރީފްއާ ބައްދަލުކުރީ ރޭންކިންގެ ފަސްވަނައިގައި އޮތް އިސްމާޢީލް ސުވައިދެވެ. މި މެޗު ސުވައިދު ކާމިޔާބުކޮއްފައިވަނީ 9-4 ންނެވެ. އަދި 2021 ވަނަ އަހަރު ބޭއްވި ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަން އަދި ރޭންކިންގެ ދެވަނައިގައި އޮތް ހުސެން ފަޔާޒް ވަނީ ހަތަރުވަނައިގައި އޮތް އިސްމާޢީލް ޖީހާންއާ ބައްދަލުކޮށް 9-1 އިން މެޗު ކާމިޔާބުކޮށްފައެވެ. އަދި ރޭންކިންގެ ތިންވަނައިގައި އޮތް ހަސަން ޝާޒް މުޙައްމަދު ވަނީ ގިޔާސް އަފްރާހާ ބައްދަލުކޮށް 9-0 އިން މެޗްު ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގެ ކުޅުން ކުރިއަށްދަނީ ގައުމީ ބިލިއާޑް ސެންޓަރުގައެވެ.