ކުޅިވަރު

14 އަހަރުން ދަށުގެ ޔޫތު ލީގުގެ ޗެމްޕިއަންކަން ވެލެންސިއާއަށް


އެފްއޭއެމް 14 އަހަރުން ދަށުގެ ޔޫތު ލީގުގެ ފަހު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ކުލަބި ވެލެންސިއާއިން ޗެމްޕިއަންކަން ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ހުކުރު ދުވަހުގެރޭ ކުޅުނު ލީގުގެ ފަހު މެޗުގައި މާޒިޔާގެ މައްޗަށް ވެލެންސިއާއިން ކުރިހޯދީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ނުކުތްއިރު، މެޗު އެއްވަރު ކޮށްލައިގެންވެސް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ވެލެންސިއާއަށް އޮތެވެ. އެކަމަކު މި މެޗު ކާމިޔާބުކޮށް މާޒިޔާއަށްވެސް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޮތެވެ.

މި މެޗުގައި ވެލެންސިއާއިން ޖެހި ހަތަރު ލަނޑުވެސް އެ ޓީމުން ޖެހީ މެޗުގެ ފަހު ހާފުގައެވެ. މި މެޗުގައި ވެލެންސިއާއިން ކާމިޔާބުކުރި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ އީތަން އިބްރާހިމް ޒަކީ އާއި އަޙްމަދު ކައިން އާއި އީލަން އިބްރާހީމްއެވެ. މީގެ ތެރެއިން އީތަން ވަނީ ދެ ލަނޑު ޖަހާފައެވެ.

އީލާން ޖެހި ލަނޑާއެކު އޭނާ ވަނީ މި މުބާރާތުގައި ޖުމްލަ 35 ލަނޑު ޖަހާފައެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހާގެން ރަން ބޫޓުވެސް ހާސިލްކުރީ އީލާންއެވެ.

ޔޫތު ލީގުގެ ޗެމްޕިއަންކަން ވެލެންސިއާއަށް ލިބުނީ އަށް މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. ފަހު މެޗުގައި ވެލެންސިއާ އަތުން ތަފާތު ބޮޑުކޮށް ބަލިވުމުން މާޒިޔާ ދިޔައީ ތިންވަނައަށެވެ. ދެވަނައަށް ދިޔައީ އަށް މެޗުން 19 ޕޮއިންޓް ހޯދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އެވެ. މި އަދަދަށް މާޒިޔާއިން ވެސް ވަނީ ޕޮއިންޓް ހޯދައިފައެވެ. އެކަމަކު ސަސްއަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ.

މި މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ވެލެންސިއާގެ ކޯޗު ސޮބާޙް މުޙައްމަދެވެ.