ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އާރްއޭއެމް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ވަލުތެރޭގެ ސައިކަލް ރޭސް "ހިކިފަސް ޕްރޯ 2022" ގެ ޗެމްޕިއަންކަން އަޙްމަދު އަމީޒް އަބްދުﷲ ހޯދައިފިއެވެ.
ޖުމްލަ ފަސް ޓީމަކުން 13 ރައިޑަރުން ބައިވެރިވި ހިކިފަސް ޕްރޯ ކުރިއަށް ގެންގޮސްފައިވަނީ މަކުނުދޫ ވަލު ސަރަހައްދުގައެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން މީޓްސް ދަ މަންކީސް ޓީމުގެ އަމީޒް ހޯދީ 3 މިނެޓު 30:46 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނައަށް ރޭސް ނިންމީ ދޮން އިބްރާހީމް ރޭސިންގެ ޖެފެރީ ލަފުއަންޓޭއެވެ. އޭނާ ރޭސް ނިންމީ 3 މިނެޓު 34:35 ސިކުންތުންނެވެ. ތިންވަނައަށް ދިޔައީ މީޓް ދަ މަންކީސްގެ އަޙްމަދު ޝިފާޒްއެވެ. އޭނާ ރޭސް ނިންމީ 3 މިނެޓު 38:12 ސިކުންތުންނެވެ.
ހިކިފަސް ޕްރޯގެ ނަމުގައި ކުރިއަށް ގެންދިޔަ މި ރޭހަކީ އޮފްރޯޑް ޓައިމް އެޓޭކް ރޭހެކެވެ. ރޭސިން އެސޯސިއޭޝަނުން ބުނީ މި ރޭހަކީ މޮޓޯ ސްޕޯޓްސް ރާއްޖޭގައި ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު ރޭހެއް ކަމަށެވެ.