ކުޅިވަރު

މި ކާމިޔާބީ ހޯދުނީ ކުޅުންތެރިންނާއި ލީޑަޝިޕުގެ މަސައްކަތުން: ތޯހާ


ތިންވަނަ ފަހަރަށް 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ 2022 ގެ ތަށި ހޯދުނީ ދިވެހި ސިފައިންގެ ކުލަބުގެ ކުޅުންތެރިންނާއި ލީޑަޝިޕުގެ މަސައްކަތުން ކަމަށް އެ ޓީމުގެ ކޯޗު އަޙްމަދު ތޯހާ ބުނެފިއެވެ.

ދިވެހި ސިފައިންގެ ކުލަބުން ފައިނަލުގައި އެމްޕީއެލްގެ މައްޗަށް ކުރިހޯދީ 10-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ފައިނަލް މެޗަށްފަހު ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަ ދައްކަމުން ތޯހާ ބުނީ މުބާރާތުގައި ކާމިޔާބު ލިބޭނީ މުބާރާތައް ތައްޔާރުވާން ވަގުތު ލިބޭ ޓީމަކަށް ކަމަށެވެ. އެގޮތުން ސިފައިންގެ ކުލަބަށް މި ކާމިޔާބީ ލިބުނީ ވަގުތު ލިބި ތައްޔާރީތައް ރަނގަޅުވުމުން ކަމަށެވެ. މީގެ އިތުރުން ތޯހާ ބުނީ ފުޓްސެލް އާއި ފުޓްސެލް ވަކިވާން ޖެހޭ ކަމަށާއި، އެމްޕީއެލް އަށް ބަލާނަމަ ފުޓުބޯޅައިގައި ފާހަގަވާ މޮޅެތި ކުޅުންތެރިން ތިބި ކަމަށެވެ.

ތޯހާ ބުނީ ސިފައިންގެ ކުލަބުގައި ތިބި ބިދޭސީ ކުޅުންތެރިންނަށްވުރެ އެމްޕީއެލްގެ ބިދޭސީ ކުޅުންތެރިޔާގެ ފެންވަރު ރަނގަޅު ކަމަށެވެ.

މި ކާމިޔާބީއަށްފަހު ވާހަކަ ދައްކަމުން ސިފައިންގެ ކުލަބްގެ ކެޕްޓަން އާމިނަތު ޒާހިޔާ ބުނީ މިއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މި ކާމިޔާބީގައި ސަޕޯޓަރުން ހާއްސަކޮށް ބަންގްލަދޭޝްގެ ސަޕޯޓަރުންގެ ސާމިލުވާކަމަށް ޒާހިޔާ ބުންޏެވެ.

ޒާހިޔާ އިތުރަށް ބުނީ ސެމީ ފައިނަލްގެ މެޗުން މޮޅުވުމުން ފައިނަލުން މޮޅުވެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

މި އަހަރުގެ މުބާރާތާއެކު ސިފައިންގެ ކުލަބުންވެސް ތިން ފަހަރު މި މުބާރާތް ކާމިޔާބުކުރިއިރު، މީގެ ކުރިން އެ ޓީމުން ޗެމްޕިއަންކަން ހޯދާފައިވަނީ 2013 އަދި 2014 ވަނަ އަހަރެވެ. އެއާއެކު މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެމްޕީއެލްގެ ރެކޯޑާ ސިފައިން ވަނީ އަރާ ހަމަކޮށްފައެވެ. އެމްޕީއެލުން ވެސް ވަނީ މި މުބާރާތް ތިން ފަހަރު ކާމިޔާބު ކޮށްފައެވެ.